ސުނާމީގެ ކާރިސާއަރައިން ގަނެވުނީ ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަމުގެ ސަބަބުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓްރީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސުނާމީއަކީ ދިވެހި ތާރީހުގައި ދެކެފައިވާ އެންމެ ހިތްދަތި އެއްދުވަސް ކަމަށެވެ. އަދި އެ ދުވަހު ރާއްޖެއިން ފެނިގެންދިޔައީ ހަނގުރާމައިގެ ހާލަތްތަކުގައި ވެސް ގައުމުތަކުން ފެނިގެންދާނެ ފަދަ ހިތްދަތި މަންޒަރުތަކެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އެ ހިތްދަތިކަމާއި އެ ނުރައްކާތެރިކަމުން އަރައިގަތުމުގައި، ދިވެހިރާއްޖެ ހޯދި ކާމިޔާބީ ވެސް އަޅުގަނޑު ދުށިން. އެ ކާމިޔާބީގެ ފަހަތުގައިވާ ހަގީގީ މަސްދަރަކީ ކޮބައިކަންވެސް އަޅުގަނޑަށް އެގޭ. އެ ހަގީގީ މަސްދަރަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން. އެއްބައިވަންތަކަން. ދިވެހި ރާއްޖޭގެ ރައްޔިތުން 26 ޑިސެމްބަރު 2004 ގައި އެދިމާކުރި ވަރުގަދަ ރާޅާއެކު އެއްބައިވެގެން، އެކުވެރިވެގެން އެދިޔަ ދުވަހަށް ވުރެ ގަދަޔަށް ދިވެހި ރައްޔިތުން އެއްބައިވި ދުވަހެއް ދިވެހި ރާއްޖޭގެ ތާރީހުގައި ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ފޮރިން މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

ޝާހިދު ވިދާޅުވީ ސުނާމީގެ ހިތްދަތި ދަނޑިވަޅުން އަރައިގަތުމަށް ބޭރުގެ އެކި ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުން ލިބުނު އެހީތެރިކަމަކީ މިފަދަ ދުވަހެއްގައި ޝުކުރުވެރިކަމާއެކު ފާހަގަކުރަންޖެހޭ ކަންތައްތަކެއް ކަމަށެވެ. އަދި ސުނާމީ ހާދިސާއަށް 16 އަހަރު ފުރިގެންދާއިރު، ދުނިޔޭގެ އެކި ފަރާތްތަކުން ފޯރުކޮށްދިން އެހީތެރިކަމާއިކު ރާއްޖެއިން އެކަމުން އަރައިގަނެވިފައި ވަނީ ދިވެހިންގެ ތެރެއިން ފެނިގެންދިޔަ އެއްބައިވަންތަކަމުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ސުނާމީގެ ހިތްދަތި ދުވަސްތަކަށް 16 އަހަރު ފުރުނުއިރު ރާއްޖެއާއި މުޅި ދުނިޔެ ކުރިމަތިލާފައިވަނީ މާނުރައްކާތެރި ލޮލަށް ނުފެންނަ ސުނާމީއަކާ ކަމަށެވެ. އަދި ކޮވިޑްގެ ނުރައްކާތެރި ވައިރަސްގައި ދުނިޔޭގެ އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު މިކަމުގެ ހިތްދަތިކަމުގައި އުޅެމުންދާކީ މިއަދު އޮތް އެންމެބޮޑު ގޮންޖެނުންކަން ޝާހިދު ފާހަގަކުރެއްވި އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ފޮރިން މިނިސްޓަރު ޝާހިދު ވާހަކަދައްކަވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

"އަޅުގަނޑުމެންގެ ކުރިމަތީގައި އަޅުގަނޑުމެންނަށް މިއަދު ހަމަލާ ދެމުން މިދާ ސުނާމީ އަކީ ކުދިކުދި ވައިރަސްތަކެއްގެ ސިފައިގައި އަޅުގަނޑުމެންގެ މުޅި މުޖުތަމައުއަށް ހަމަލާދެމުންދާ ސުނާމީއެއް. މުޅި ދުނިޔެ ފަނާކުރަމުންދާ ސުނާމީއެއް. މުޅި ދުނިޔޭގެ ހުރިހަ ބޯޑަރުތައް ބަންދުކޮށް ދުނިޔޭގެ ހުރިހާ ގުޅުންތައް ބުރި ބުރި ކުރަމުންދާ ސުނާމީއެއް. އަޅުގަނޑުމެންގެ ތެރެއިން ގިނަ އަޚުންނާއި، އުޚުތުން އެނުރައްކަލުގައި އެވަބާގައި ޖެހި، އަޅުގަނޑުމެންނައި ވަކިވެ އަލްވަދާއު ކިޔާފައިވާ ސުނާމީއެއް. އެހެން ނަމަވެސް މިނުރައްކާތެރި ދަނޑިވަޅުގައިވެސް ދިވެހި ރާއްޖޭގެ ރައްޔިތުން ދައްކަވަމުން ގެންދަވާ ވަރުގަދަ ހިތްވަރާއި، އެކުވެރިކަމަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވަން،" މިނިސްޓަރު ވިދާޅުވި އެވެ.