އެމެރިކާގެ މިޑްޓާމް އިންތިހާބަށްފަހު އީރާނަށް ހަމަލާދިނުމަށް ނަތަންޔާހޫ ޓްރަމްޕަށް ބާރުއަޅުއްވައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ވަރުގަދަކުރާނެ ވަގުތަކާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފޯނުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން އާދީއްތަ ދުވަހު ވަނީ ރިޕޯޓްކޮށްފަ އެވެ.
އެކްސިއޯސްއިން އެމެރިކާ އަދި އިޒްރޭލުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު ބޭއްވި މި ފޯނު ކޯލުގައި އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވި އެވެ. މި ބައްދަލުވުމުގައި، އެމެރިކާގެ މިޑްޓާމް އިންތިހާބު ނިމުމާއެކު ވަގުތުން އީރާނަށް ހަމަލާދިނުމަށް ނަތަންޔާހޫ ބާރުއެޅުއްވި ނަމަވެސް، ޓްރަމްޕް ބޭނުންފުޅުވީ މަޝްވަރާތަކަށް އިތުރު ފުރުސަތު ދިނުމަށެވެ.
އިޒްރޭލުގެ މަސްދަރަކުން މި ފޯނު ކޯލު ސިފަކޮށްފައިވަނީ އުނދަގޫ ވާހަކަތަކެއްގެ ގޮތުގަ އެވެ. ނަމަވެސް އެމެރިކާގެ އޮފިޝލަކު ބުނެފައިވަނީ އެއީ ވަރަށް ސީދާ ނުވަތަ ފާޅުކަން ބޮޑު ގޮތެއްގައި ދެކެވުނު ވާހަކަތަކެއް ކަމަށެވެ.
އާދީއްތަ ދުވަހުގެ ވަގުތެއްގައި ޓްރަމްޕް ވަނީ ހޮނިހިރު ދުވަހު ނަތަންޔާހޫއާ ވާހަކަދެއްކެވިކަން ކަށަވަރުކޮށްދެއްވާފަ އެވެ. ޓްރަމްޕް ވިދާޅުވީ ނަތަންޔާހޫއާއެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، އޭގެ ތެރޭގައި އީރާނުގެ މައްސަލަ ހިމެނޭ ކަމަށެވެ.
ވޭތުވެދިޔަ އަށް މަސްދުވަހުގެ ހަނގުރާމައިގައި ޓްރަމްޕް ގެންގުޅުއްވަނީ ދެގޮތެއްގެ ސިޔާސަތެކެވެ. އެއީ ވައިގެ މަގުންނާއި އެހެނިހެން ގޮތްގޮތުން ހަމަލާދިނުމާއެކު، ސުލްހައިގެ މަޝްވަރާތައް ފެށުމަށާއި ހޮރްމުޒް ކަނޑުއޮޅި ތެލާއި ގޭސް އުފުލާ އުޅަނދުފަހަރަށް ހުޅުވާލުމަށް އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރުމެވެ.
ހޮނިހިރު ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު ކުރެވޭ މަޝްވަރާތައް ބަރާބަރަށް ކުރިއަށްދާ ކަމަށާއި، އަދިވެސް ނިންމާލަންޖެހޭ ދެތިން އަމާޒެއް އެބައޮތް ކަމަށެވެ. އަދި އީރާނުގެ އަސްކަރިއްޔާއާއި ނިއުކްލިއާ ޕްރޮގްރާމަށް މިހާރުވެސް ބޮޑެތި ގެއްލުންތަކެއް ދެވިފައިވާތީ، ހަމަލާދިނުމަށް ވޮޝިންޓަނުން އަވަސް އަރުވާލަން ނުޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޓްރަމްޕާއި ނަތަންޔާހޫގެ މި މަޝްވަރާތައް ހިނގާފައި މިވަނީ، މެދުކެނޑިފައިވާ މަޝްވަރާތައް އަލުން ފެށުމަށް އެދި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްގެ ފަރާތްޕުޅުން ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށް އީރާނުގެ ސަލާމަތީ ކަންކަމާބެހޭ އިސްވެރިޔާ މުހްސިން ރޭޒާއީ ހޮނިހިރު ދުވަހު ހާމަކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.
މީގެ އިތުރުން، މެދުވެރިން މަޝްވަރާތައް ފެށުމަށް ބޭނުންވާކަމުގެ ހެއްކެއްގެ ގޮތުން، ގަތަރުގެ ވަފުދެއް ހުކުރު ދުވަހު އީރާނަށް ގޮސް އެ ގައުމުގެ އޮފިޝަލުންނާ ބައްދަލުކޮށްފައިވާ ކަމަށް ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޓްރަމްޕަށް ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. ހާއްސަކޮށް ތެލުގެ އަގުބޮޑުވުމާއި ދިރިއުޅުމުގެ ހަރަދުތައް އުފުލުމުގެ ސަބަބުން އެމެރިކާގެ ވޯޓުލާ މީހުން ތިބީ ނުރުހުމުގަ އެވެ. މިއީ ކުރިއަށް އޮތް އިންތިހާބުގައި ވޯޓުން ފެނިގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ.
އެންޑީއޭގެ މަރުކަޒުން ފިލި ފައިރިޝް ހޯދައި ހައްޔަރުކޮށްފި
ކަޅުބިލަމަސް ކިލޯއެއްގެ އަގު 23 ރުފިޔާއަށް ބޮޑުކޮށްފި
ޕީކް ސީޒަނާ ދިމާކޮށް ޓޫރިސްޓުން އަންނަ މިންވަރު އިތުރުވެއްޖެ