ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ރާއްޖެއިން ކުރިއަށްގެންދާ ކެމްޕެއިނަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

"އެއް އުއްމަތެކޭ މިއީ"ގެ ނަމުގައި ކުރިއަށް ގެންދާ މި ކެމްޕެއިންގެ ދަށުން އިއްޔެ ކުރިއަށްގެންދިޔައީ ފަންޑްރައިޒިން ހަރަކާތެކެވެ. މާލޭ ސިޓީގެ ކޮންމެ މިސްކިތެއްގައި އިއްޔެ ހެނދުނު 11:00 އިން ފެށިގެން މެންދުރު 14:00އަށް ފަންޑު ފޮށިތަކެއް ބެހެއްޓި އެވެ.

އެ ފަންޑްރައިޒިން ހަރަކާތަށް އެކަނި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ހަރަކާތުގެ ސްޓިއަރިން ކޮމިޓީގެ ޗެއާމަން އައްޝައިޚް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ހަރަކާތް ހަފުތާއެއްގެ މުއްދަތަށް ކުރިއަށްގެންދަން ވަނީ ނިންމާފަ އެވެ. ބޭނުން ކޮންމެ މީހަކަށް އަދިވެސް އެހީވެވޭނެ އެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ވަނީ މިހާތަނަށް ދިވެހީންގެ ފަރާތުން ލިބިފައިވާ ބައެއް އެހީ ހާލުގައި ޖެހުނު މީހުންނަށް ފޯރުކޮށްދީފަ އެވެ.

އައިއޭސީގެ ޓީމަކާ އެކު ރާއްޖޭގެ އެތެރެހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ވެސް ހުންނެވީ އެ ތުރުކީގަ އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ތުރުކީގެ ހުޅަނގު ދެކުނަށް އައީ ރިކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމަކީ ފާއިތުވީ 84 އަހަރުތެރޭ އެ ގައުމަށް ދިމާވި އެންމެ ބޮޑު ކާރިސާ އެވެ. އެ ހާދިސާގައި ތުރުކީ އާއި ސީރިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 41،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.