ކުރިއަށް އޮތް ރިޔާސީ އިންތިހަބުގައި ޕީޕީއެމް އާއެކު ކޯލިޝަން ހެދުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ޕިޕީއެމުން ދައުވަތު ދީފި އެވެ.

ޕީޕީއެމްއާއި ގުޅުމަށް އެމްޑީޕީގެ ރައީސް ނަޝީދުއަށް ދައުވަތު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ހުށަހަޅުއްވާފައިވާ ދައުލަތުން ނަގާފައިވާ ދަރަނި ރީސްޓްރަކްޗާ ކުރުމާއި އެ ދަރަނި އަދާ ކުރުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ތޯރިގު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެނެވުނީތީ އެމްޑީޕީން ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭ ކަމަށެވެ.

ތޯރިގު ވިދާޅުވީ އެމްޑީޕީގެ "ފިކުރެއްގެ ދިރުން"ގެ ބޭފުޅުން ވެސް ރައީސް ސޯލިހު ފަދަ ބޭފުޅަކު ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ކަމަށް ގެންނަން މަސައްކަތް ކުރެއްވީތީ. ހިތާމަ ކުރައްވާ ކަމަށެވެ. ރައްޔިތުންގެ ކިބައިން މާފަށް އެދި "އިބޫ" ނޫން ގޮތެއް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހޯދުމަށް ޕީޕީއެމްއާއެކު މަސައްކަތް ކުރުމަށް ރައީސް ނަޝީދުގެ ފެކްޝަނަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން ތޯރިގު ވަނީ އެމްޑީއޭއަށް ވެސް ޕީޕީއެމްއާއެކު ކޯލިޝަން ހެދުމަށް ދައުވަތު ދެއްވާފައި އެވެ.

ތޯރިގު ވިދާޅުވީ އެމްޑީއޭއަކީ ވެސް ރައީސް ޔާމީން ސަރުކާރުގައި ވަރަށް ގާތްކޮށް މަސައްކަތް ކޮށްފައިވާ ޕާޓީ އެއް ކަމަށެވެ. އެހެންވެ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ޕީޕީއެމްއާއެކު މަސައްކަތް ކުރުމަށް އެމްޑީއޭއަށް ގޮވާލާ ކަމަށެވެ.