މަޝަހޫރު ކޭޕޮޕް ބޭންޑުގެ މެމްބަރެއް ކަމަށްވާ ޖޭހޮޕް ދެކުނު ކޮރެއާގެ އަސްކަރިއްޔާއަށް ކުރަންޖެހޭ ޚިދުމަތް ކުރުމަށްޓަކައި އެކަމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ބޭންޑުގެ އޮފިޝަލަކު ބުނެފި އެވެ.
ޖޭހޯޕް އަސްކަރިއްޔާއާ ގުޅެން އުޅޭކަން އިއުލާން ކޮށްފައި މިވަނީ އެ ބޭންޑުގެ އިތުރު މެމްބަރެއް ކަމަށްވާ ޖިން އަސްކަރިއްޔާގެ ޚިދުމަތް ފެށިތާ ދެމަސް ފަހުންނެވެ.
ބީޓީއެސް އިން ވަނީ އެ ބޭންޑުގެ މެމްބަރުން އަސްކަރިއްޔާއަށް ކުރަންޖެހޭ ހިދުމަތް ކުރަން މިއަހަރުން ފެށިގެން ފަށާނެ ކަމަށް ބުނެފަ އެވެ. އެގޮތުން ޖޭހޯޕްއަކީ އަސްކަރިއްޔާއާ ގުޅޭނެ ދެވަނަ މެމްބަރެވެ.
ދެކުނު ކޮރެއާގައި ސިއްހަތު ސަލާމަތުން ހުރި ކޮންމެ ފިރިހެނަކު ވެސް އުމުރުން 18 އަހަރާއި 28 އަހަރާ ދެމެދު މަދުވެގެން ދެ އަހަރުގެ މުއްދަތަކަށް އަސްކަރިއްޔާއަށް ހިދުމަތް ކުރުމަކީ އެގައުމުގެ ގާނޫނު ލާޒިމް ކުރާ ކަމެކެވެ.
ބޭންޑުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަސްކަރިއްޔާއާ ގުޅުމަށް ޖޭހޯޕް ކުރަން ޖެހޭ ކަންކަން ކުރަން ފަށާފައިވާ ކަމަށާއި މިވަގުތު ސަޕޯޓަރުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
ގްރެމީއަށް ވެސް ނޮމިނޭޓް ވެފައިވާ ހަތް މެމްބަރުންގެ ބީޓީއެސްއިން ވަނީ މިދިޔަ ޖޫން މަހު ގްރޫޕެއްގެ ގޮތުގައި ހުށައެޅުން މެދުކަނޑާލައި މެމްބަރުންގެ އަމިއްލަ ސޯލޯ މަސައްކަތްތަކަށް އިސްކަން ދޭނެ ކަމަށް ބުނެފަ އެވެ.