ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓު، އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހަސަން ރިޒާއަށް ދީފި އެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މެމްބަރު ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އަންނަ މަހުގެ 15 ވަނަ ދުވަހު އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ކުރިމަތިލާން ހުޅުވާލުމުން އެ ގޮނޑިއަށް ކުރިމަތިލެއްވީ ހަސަން ރިޒާ އެކަންޏެވެ.

"އެހެންވެ އިންތިހާބަކާ ނުލައި ހަސަން ރިޒާއަށް ޓިކެޓް ދޭން ވަނީ ނިންމާފައި،" ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވި އެވެ.

ރިޒާއަކީ ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަން ވެސް ކުރައްވާފަ އެވެ.