ފަހަކަށް އައިސް ހޮލީވުޑްގައި އެތަރިއަކާއި ގުޅިގެން އެންމެ ބޮޑަށް ވާހަކަ ދެކެވޭ އެއް ތަރިއެއްގެ ގޮތުގައި ސެލީނާ ގޮމޭޒް ހިމެނެ އެވެ. އޭނާއާ ގުޅިގެން މިފަހުން އެންމެ ބޮޑަށް ވާހަކަ ދެކެވެނީ މޮޑެލް، ހެއިލީ ބީބާއާ ދެ މީހުންގެ ތަޅާފޮޅުމުގެ ވާހަކަތަކެވެ.
އެހެންނަމަވެސް މިވާހަކަތައް ދެކެވެމުން ދަނިކޮށް ސެލީނާއާ ގުޅޭ އެހެން ހަބަރެއް ވެސް އާންމުންނަށް ވަނީ އަޑުއިވެން ފަށައިފަ އެވެ. އެއީ ސެލީނާ އާއި މަޝްހޫރު ހޮލީވުޑް ލަވަކިޔުންތެރިޔާ ކަމަށްވާ ޒޭން މަލިކް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަތަކެވެ.
ސޯޝަލް މީޑިއާގައި މި ވާހަކަތައް ވަރަށް ހޫނުކޮށް ދެކެވެމުން ދިޔަނަމަވެސް، މިވާހަކަތަކަށް ދެތަރިން ވެސް މިހާތަނަށް ރައްދެއް ދީފައެއް ނުވެ އެވެ. އެކަމުގެ ސަބަބުން ފޭނުން އެންމެ ފަހުން ގަބޫލު ކުރީ އެދެމީހުން އެކީގައި ލަވަ އަލްބަމެއްގެ މަސައްކަތެއްގައި އުޅެނީ ކަމަށެވެ.
އެހެންނަމަވެސް ދާދި ފަހުން ސެލީނާ އާއި ޒޭން ދިޔަ ރެސްޓޯރެންޓެއްގައި ލޯބިވެރިން ފަދައިން އުޅޭ މަންޒަރު ވަނީ ފަޅާއަރާފަ އެވެ. މިމަންޒަރުތައް ފެނުނީ، ރެސްޓޯރެންޓުގައި ސެލީނާ އާއި ޒޭންއަށް ސާވްކޮށްދިން ވެއިޓްރެސްގެ ފަރާތުންނެވެ. އަދި އޭނާއާ އޭނާގެ ރަހުމަތްތެރިޔާ ދަނީ އެވާހަކަތައް މީޑިއާތަކާ ހިއްސާކުރަމުންނެވެ.
ފޭނުން ބުނާގޮތުގައި ސެލީނާ އާއި ޒޭންގެ ޖޯޑު ފޭނުންނަށް ވަރަށް ކަމުދެ އެވެ. އަދި އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ހަބަރު ފެތުރުމަކީ ފޭނުންނަށް ލިބޭނެ އުފަލެއް ކަމަށް ސެލީނާ އާއި ޒޭންގެ ފޭނުން ބުނެ އެވެ.