ށ. ޅައިމަގަށް މިއަދު ހެނދުނު އަރައިގަތް ނަގޫރޯޅިއެއްގައި އެ ރަށުގެ 22 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މީހަކަށް އަނިޔާވެއްޖެ އެވެ.

ޅައިމަގު ކައުންސިލް މެންބަރު އާމިނަތު އަފްރާހާ ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:00 ހާއިރު އެ ރަށުގެ އިރުމަތީ ފަރާތުން ކަމަށެވެ. ނަގޫރޯޅި އެރި ވަގުތު އެ ރަށަށް މާބޮޑަށް މޫސުން ގޯސްވެފައެއް ނުވެ އެވެ. ނަމަވެސް، ފަތިހުން ފެށިގެން އެ ރަށަށް ވާރޭ ވެހެމުންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހާދިސާގައި ޖުމްލަ 22 ގެއަކަށް އެކި ވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ. ބައެއް ގޭގޭގެ މަގުމަތީ ފާރުތައް ވެއްޓި، ގަރާޖުތަކާއި ގޭގޭގެ ފުރާޅުތައް ވަނީ އެއްލާލާފަ އެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ މަގުތަކަށާއި ގޭގޭގެ ގޯތިތެރެއަށް ބޮޑެތި ގަސްތައް މުލުން ލުހިގެން ވަނީ ވެއްޓިފަ އެވެ.

ނަގޫރޯޅި އެރި ވަގުތު ގޭގެއެއްގެ ގަރާޖެއްގެ ތެރޭގައި ހުރި މީހެއްގެ ގައިގައި ވިއްސައިގެން ދިޔަ އެޅިގަލަކުން ޖެހި، ބޯފަޅައިގެން ދިޔަ އެވެ. އެ މީހާއަށް ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މިއީ ފަހުގެ ތާރީޚެއްގައި ޅައިމަގަށް މިފަދަ ގުދުރަތީ ހާދިސާއެއްގައި މިހާ ބޮޑު ގެއްލުމެއް ލިބުނު ފުރަތަމަ ފަހަރެވެ. މި ހާދިސާގައި ގެތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލީ މައުލޫމާތު އެއްކޮށް، ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ހިއްސާކުރުމުގެ މަސައްކަތް ޅައިމަގު ކައުންސިލުން ދަނީ ކުރަމުންނެވެ.