މެލޭކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ގޭބަންދަށް ބަދަލުކުރުމަށް މެލޭޝިޔާގެ ރަސްގެފާނު ނެރުއްވާފައިވާ އަމުރުފުޅަށް ގޮންޖަހައި ހުރަސްނޭޅުމަށް ރަސްގެފާނު އިންޒާރު ކުރައްވައިފި އެވެ.

މެލޭޝިޔާގެ ރަސްގެފާނު ސުލްތާން އިބްރާހީމް ހޮނިހިރު ދުވަހު ވިދާޅުވީ، ނަޖީބު ރައްޒާގު ޖަލުން ގޭބަންދަށް ބަދަލުކުރުމަށް އެމަނިކުފާނު ނެރުއްވާފައިވާ އަމުރުފުޅަށް ގޮންޖެހުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ރަސްގެފާނުގެ ފަރުމާނަށް ނުކިޔަމަންތެރިވުން ކަމުގައި ބެލެވޭނެ އެވެ. ރަސްގެފާނު މި އިންޒާރު ދެއްވީ، ނަޖީބު ގޭބަންދަށް ބަދަލުކުރުން ކަމާބެހޭ ފަރާތްތަކުން ފަސްކުރިތާ އެއްދުވަސް ފަހުންނެވެ.

ދައުލަތުގެ ފަންޑު ކަމަށްވާ 1 މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދު (1އެމްޑީބީ) އާ ގުޅުންހުރި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި ކުށްވެރިވުމާ ގުޅިގެން ނަޖީބު ޖަލަށްލާފައިވަނީ 2022 ވަނަ އަހަރުގަ އެވެ. ނަމަވެސް، އޭނާ ގެންދަވަނީ އެއްވެސް ކުށެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވަމުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރަސްގެފާނު ސުލްތާން އިބްރާހީމް ދެއްވި ރަސްމީ މާފުގެ ދަށުން، ނަޖީބުގެ ޖަލު އަދަބުގެ ބާކީ އޮތް ދެ އަހަރު ގޭބަންދުގައި ހޭދަކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމަވާފަ އެވެ. މި މާފުގެ ޝަރުތެއް ކަމަށްވާ 50 މިލިއަން ރިންގިޓް (12 މިލިއަން ޑޮލަރު) ގެ ޖޫރިމަނާ ނަޖީބުގެ ޕާޓީން ދެއްކުމާ ގުޅިގެން، އޭނާ ހުކުރު ދުވަހު ގެއަށް ބަދަލުކުރުމަށް އޮތީ ހަމަޖެހިފަ އެވެ.

އެހެންނަމަވެސް، ރަސްގެފާނު ދެއްވި މާފާއި، ނަޖީބު މިނިވަންކުރުމަށް ހުކުރު ދުވަހު ކޯޓުން ނެރުނު އަމުރު މާނަކުރުމުގައި ގާނޫނީ ސުވާލުތަކެއް އުފެދިފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނުމާ ގުޅިގެން، އޭނާ ބަދަލުކުރުން ވަނީ މަޑުޖައްސާލާފަ އެވެ.

ސުލްތާން އިބްރާހީމް ހޮނިހިރު ދުވަހު ވިދާޅުވީ، އެމަނިކުފާނުގެ އަމުރުފުޅަކީ ސާފު، ސަރީހަ އަދި އެއްވެސް އޮޅުމެއް ނެތް އަމުރުފުޅެއް ކަމަށެވެ. އަދި އެ އަމުރު ނެރުނު މާފުދޭ ބޯޑުގެ ބައްދަލުވުމުގައި ބަންޑާރަނައިބާއި ފެޑެރަލް ޓެރިޓަރީޒް މިނިސްޓަރު ބައިވެރިވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ގަނޑުވަރުން ނެރުނު ބަޔާނެއްގައި ރަސްގެފާނު ވިދާޅުވީ، އެ އަމުރު މާނަކުރުމުގައި އެއްވެސް އޮޅުމެއް އޮވެގެން ނުވާނެ ކަމަށާއި، ނިންމުން ތަންފީޒުކުރުމުގައި އިތުރަށް ލަސްވެގެން ނުވާނެ ކަމަށެވެ.

ބަންޑާރަނައިބުގެ އޮފީހުން ވަނީ ނަޖީބުގެ ވަކީލުން ކުރާ ތުހުމަތުތަކަށް ރައްދު ދީފަ އެވެ. އެ އޮފީހުން ބުނި ގޮތުގައި، އެ ފަރާތުން މަސައްކަތް ކުރަނީ ހަމައެކަނި ގާނޫނީ ގޮތުން ކަންކަން ސާފުކުރުމަށެވެ. އަދި ރަސްގެފާނު ދެއްވި މާފުގެ އަމުރާ މެދު ސުވާލު އުފައްދައި، އެ އަމުރު ބާތިލުކުރުމަށް ނުވަތަ ހުއްޓުވުމަށް އެއްވެސް އިރެއްގައި ގަސްދުކޮށްފައި ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ބަންޑާރަނައިބުގެ އޮފީހުން ދެކޭ ގޮތުގައި މި މައްސަލާގައި ގޮތެއް ނިންމުމަށް ވަގުތުން ކޯޓަށް ހުށަހަޅަންޖެހެ އެވެ.

މެލޭޝިޔާގެ ރަސްކަމަކީ އެ ގައުމުގެ ނުވަ ސަލްތާނުންގެ މެދުގައި ދައުރުވާ މަގާމެކެވެ. ރަސްގެފާނަކީ ރަމްޒީ މަގާމެއް ނަމަވެސް، ގާނޫނީ އިމުގެ ތެރެއިން މާފު ދިނުމުގެ ބާރު ރަސްގެފާނަށް ލިބިގެންވެ އެވެ. މެލޭޝިޔާގެ ރައްޔިތުން ރަސްގެފާނަށާއި ސަލްތާނުންނަށް ނުހަނު އިހުތިރާމް ކުރެ އެވެ. އަދި ޝާހީ އާއިލާއާ ބެހޭގޮތުން ނޭދެވޭ ވާހަކަ ދެއްކުމަކީ ބޮޑު ކުށެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ.