އަރަބިއްޔާ ސްކޫލްގެ ޔުނީފޯމް ކޯޑާ ހިލާފަށް ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަން އެގޮތަށް ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން މިނިސްޓްރީއާ ދެކޮޅަށް އެ ސްކޫލްގެ ބެލެނިވެރިން މައްސަލަ މިއަދު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި އެހީތެރިވެދިން ރެހެންދި ޗޭމްބާސް ލޯފާމުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ، ރާއްޖޭގެ ގާނޫނުއަސާސީ އާއި ތައުލީމުގެ ޤާނޫނުނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ އަދި ރާއްޖެއިން ބައިވެރިވެ، ބަލައިގަނެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފުވެފައި ވާތީ ކަމަށެވެ.
އެ މައްސަލައިގައި ވަގުތީ އަމުރަކަށް ވެސް އެދިފައިވެ އެވެ. އެގޮތުން ކޯޓުން އެ މައްސަލައާ މެދު ވަކިގޮތެއް ނިމެންދެން މޫނު ބުރުގާ އަޅައިގެން ކުދިންނަށް ސްކޫލަށް ނުދެވޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތާއި އެޑިޔުކޭޝަން މިނިސްޓްރީ އަދި އަރަބިއްޔާ ސްކޫލްގެ މައްޗަށް އަމުރުކޮށްދިނުމަށް ވަނީ އެދިފަ އެވެ.
އެއްވެސް ގޮތަކުން ތަފާތުކުރުމެއް ނެތި ތައުލީމު ލިބިގަތުމަކީ ރާއްޖޭގެ ކޮންމެ ކުއްޖަކަށް ލިބިފައިވާ ގާނޫނީ ހައްގެއް ކަމަށާއި އެއްވެސް ސަބަބަކާ ހުރެ އެއްވެސް ކުއްޖަކު އުނގެނުމުގެ ހައްގުން މަހުރޫމް ކުރުމަކީ ގާނޫނާއި ގަވާއިދުތަކުން ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ސްކޫލް ދަރިވަރުންގެ އާންމު ގަވާއިދާއި ސްކޫލްގެ ޔުނިފޯމް ކޯޑު ސަރުކާރުގެ ގެޒެޓްގައި ނުޖަހައި އާންމުކޮށްފައިވުމަކީ މައްސަލައެއްގެ ގޮތުގައި އެ ލޯފާމުން ފާހަގަކުރި އެވެ.
އެއްވެސް ކުއްޖަކަށް ސްކޫލަށް ނުދެވޭނެ ގޮތަކަށް ދައުލަތުގެ ސިޔާސަތުތައް ބައްޓަން ކުރުމަކީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މޫނު ބުރުގާ އެޅުމަކީ ރާއްޖޭގައި މުޖުތަމައު ގަބޫލުކުރާ ކަމަކަށް ވާތީ ސްކޫލް ކުދިންނަށް ވެސް ފުރުސަތު އޮންނަ ޖެހޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.