ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފް ލިޑްރޯލުން ފެނިގެންދިޔަ "ވޯ" ގެ ދެ ވަނަ ބައެއް ނެރުމަށް ވަނީ ނިންމާފަ އެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ވޯ" އަކީ 2019 ގެ އެންމެ ކާމިޔާބު ހިންދީ ފިލްމެވެ.

"ވޯ 2" އިއުލާންކުރި އިރު، ކާސްޓްގައި ރިތިކާ އެކު މިފަހަރު ޓައިގާ ނުހިމެނެ އެވެ. ޓައިގާ ބަދަލުގައި މިފަހަރުގެ ފިލްމުގައި ފެނިގެންދާނީ މިދިޔަ އަހަރު އިންޑިއާގެ އެންމެ ބޮޑު ހިޓް ކަމަށްވާ ތެލެގޫ ފިލްމު "އާރްއާރްއާރް" ގެ ބަތަލު އެންޓީއާރް ޖޫނިއާ އެވެ. މިއީ އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމަށް ވެގެންދާނެ އެވެ.

މަޝްހޫރު ފިލްމީ ކްރިޓިކް ތަރަން އަދަރްޝް ކުރި ޕޯސްޓެއްގައި އޮސްކާ ހާސިލްކޮށްފައިވާ ފިލްމު އާރުއާރުގެ ތަރި އެންޓީއާރު ޖޫނިއާގެ ރިތިކް ރޯޝަންއާ އެކު "ވޯ 2" ގައި ބައިވެރިވާނެކަން ކަށަވަރުކޮށްދީފި އެވެ.

"ވޯ 2" ހަދަން ނިންމި އިރު، މީގެ ޑައިރެކްޓަރަކަށް ހަމަޖެއްސީ މިދިޔަ އަހަރު "ބުރައްމަސްތުރާ" ގެނެސްދިން އަޔާން މުކަރްޖީ އެވެ. އެކަމަކު ފިލްމުގެ ބަތަލާ އާއި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

އެންޓީއާރް ޖޫނިއާ އަކީ ތެލެގޫ އެކްޓަރުންގެ ތެރެއިން އެންމެ މަޝްހޫރު އެކެކެވެ. އެންޓީއާރް މިހާރު އަންނަނީ "އެންޓީއާރް 30" ގެ ނަމުގައި ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. މީގެ ބަތަލާ އަކީ ބޮލީވުޑްގެ ޖާންވީ ކަޕޫރެވެ.