ނ. މަނަދޫން މަރުވެފައި އޮއްވައި ފެނުނު އެ ރަށު އުމުރުން 62 އަހަރުގެ, ނައީމާ މޫސާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެކަން ހިއްސާކޮށްދިނުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ނައީމާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނީ ނައީމާގެ ހަށިގަނޑު ބަލައި ތަހުގީގުތަކަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށްފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތްކަމަށް ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާ ވަޅުލާފައި ވަނީ މިއަދު ހަވީރު 5:20 ގަ އެވެ.

ނައީމާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.