ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އަންނަ އަންގާރަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓަރީން ބުނެފި އެވެ.
މިނިސްޓްރީން ބުނީ ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް އަންނަ އަންގާރަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ފިތުރު ޒަކާތަށް ދައްކާނީ އެ ބަޔަކު އާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ. އަދި ފިތުރު ޒަކާތުގެ ގޮތުގައި ބަލައި ގަންނާނީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ.
މާލޭގައި ގޮވާމުން ޒަކާތް ބަލައިގަންނާނީ މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލު (ކުރީގެ ދަރުމަވަންތަ ސްކޫލްގެ ހޯލު) އިން ކަމަށް މިނިސްޓްރީން ބުނެއެވެ.
ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށެވެ. އަދި މެންދުރުފަހު 13:00 އިން 15:00 އަށެވެ. އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ.
މި ރޯދަ މަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށަފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. ޒަކާތް ބަލައިގަތުން އިސްލާމިކް މިނިސްޓްރީގައި ވަނީ ހަމަޖެހިފައި އެވެ.
ރޯދަ މަހުގެ 27 ވަނަ ދުވަހާ ހަމައަށް ފިތުރު ޒަކާތް ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ.