ބޮލީވުޑްގެ ޒުވާން އެކްޓަރުންގެ ކިބައިގައި އަމިއްލަ ނަފްސަށް އޮންނަންޖެހޭ އިތުބާރު ކުޑަކަމަށާއި، ޝާހްރުކް ޚާން، ސަލްމާން ޚާން، އަމީތާބް ބައްޗަން އަދި އަކްޝޭ ކުމާރަކީ މި އިންޑަސްޓްރީގެ އެންމެ ފަހުގެ ސުޕަސްޓާރުން ކަމަށް ބުނެ، މަޝްހޫރު ފިލްމީ ޑައިރެކްޓަރު އަދި ކޮރިއޮގްރާފަރު ފަރާ ޚާން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ނޭހާ ދޫޕިއާ އާއި އަންގަދު ބޭދީގެ ޝޯ "ޑަބަލް ޑޭޓް" ގައި ވާހަކަދައްކަމުން ފަރާ ބުނީ، ސުޕަސްޓާރުންގެ ޒަމާން މިހާރު މުޅިން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މިހާރުގެ އާ އެކްޓަރުން ފިލްމު އުފެއްދުމުގެ މަރުހަލާތަކަށް، ހާއްސަކޮށް ނެށުން ތަރުތީބުކުރުމާއި، މިއުޒިކް އަދި ކާސްޓިން ފަދަ ކަންކަމަށް އަތްބާނަން މަސައްކަތްކުރާ ކަމަށް އޭނާ ފާހަގަކުރި އެވެ.

ފަރާގެ ނަޒަރުގައި ޑައިރެކްޓަރުންނަށް އެކްޓަރުން އިތުބާރު ނުކުރަނީ، އެމީހުންގެ އަމިއްލަ ނަފްސަށް އޮންނަންޖެހޭ ޔަގީންކަމާއި އިތުބާރު ނެތުމުގެ ސަބަބުންނެވެ.

މިކަމުގެ މިސާލު ދައްކަމުން ފަރާ ބުނީ، އަމިއްލަ ނަފްސަށް އިތުބާރު އޮންނަ ސުޕަސްޓާރުން މަސައްކަތުގެ މަރުހަލާތަކަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށެވެ. އެގޮތުން "މައި ހޫނާ" އަށް ސުޝްމިތާ ސެން އަދި "އޯމް ޝާންތީ އޯމް" އަށް މުޅިން އާ މޫނެއްގެ ގޮތުގައި ދީޕިކާ ޕަދުކޯން ހަމަޖެއްސިއިރު ވެސް، ޝާހްރުކް ޚާން އެއްވެސް ސުވާލެއް ނުއުފައްދައި ޑައިރެކްޓަރުގެ ނިންމުމަށް އިހުތިރާމްކުރި ކަމަށް އޭނާ ހާމަކުރި އެވެ.

ފަރާ އިތުރަށް ފާހަގަކުރި ގޮތުގައި، މިހާރުގެ އެކްޓަރުން ބޮޑަށް ސަމާލުކަން ދެނީ މެގަޒިންތަކުގެ ކަވަރުތަކަށް ފޮޓޯ ނެގުމަށާއި އެވޯޑް ހަފުލާތަކަށް ދިއުމަށެވެ. ނަމަވެސް އެމީހުންގެ އަތުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ފިލްމުތަކެއް ނެތްކަމަށް އޭނާ ބުންޏެވެ. އަދި ބައެއް އެކްޓަރުން ސެޓަށް އަންނައިރު ޑައިލޮގްތައް ވެސް ދަސްނުކޮށް އަންނަކަމަށާއި، ފުރަތަމަ ފިލްމަށްފަހު ފަސްވަނަ ފިލްމާ ހަމައަށް ދާއިރު ހުރިހާ ކަމެއް އެނގެނީ އެމީހުންނަށް ކަމަށް ހެދިގެން އުޅޭތީ އެކަމާ ވަރަށް ފޫހިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭގެ ބަދަލުގައި ޝާހްރުކް، އަމީތާބް، ސަލްމާން އަދި އަކްޝޭ ފަދަ ތަރިން އަދިވެސް މަސައްކަތް ކުރަނީ އެމީހުންގެ ފުރަތަމަ ފިލްމުގައި މަސައްކަތް ކުރި ފަދަ ފޯރިއާއި ބުރަ މަސައްކަތާއެކު ކަމަށާއި، މަސައްކަތުން ބަރީއަވާން ދުވަހަކުވެސް އުޒުރު ނުދައްކާ ކަމަށް ފަރާ ބުންޏެވެ.

ފަރާ ޚާންގެ ކުރިއަށް އޮތް މަސައްކަތްތަކާ ގުޅޭގޮތުން އޭނާ ހާމަކުރި ގޮތުގައި، އޭނާގެ ދަރިން ކޮލެޖަށް ދާން ފެށުމުން، 2026 ވަނަ އަހަރުގެ ފަހުކޮޅު އާ ފިލްމެއްގެ މަސައްކަތް ފަށާނެ އެވެ. އަދި އޭނާ އިތުރަށް ބުނެފައިވަނީ، ދެން ފިލްމެއް ޑައިރެކްޓް ކުރާނީ ޝާހްރުކް ޚާން އެ ފިލްމެއްގައި ބައިވެރިވާނަމަ އެކަނި ކަމަށާއި، އެ ނޫންނަމަ ހުންނާނީ އިންތިޒާރުގައި މަޑުކޮށްގެން ކަމަށެވެ.