ދުނިޔެއަށް އުފަންވާއިރު ކޮންމެ މީހެއްގެ ކިބައިގައި ވެސް ގިނަ ހުނަރުތަކެއް ވެ އެވެ. އެއީ އެ މީހެއްގެ ކިބައިގައި ހުންނަ ފަންނުވެރިކަމެވެ. ނުވަތަ ގާބިލުކަމެވެ. ނަމަވެސް އެ ގާބިލްކަމާއި ފަންނުވެރިކަން ހުރިކަން ދެނެގަނެވެނީ ކަމެއް ހާސިލް ކުރުމަށް ގަދައަޅާ މަސައްކަތް ކުރާ ވަގުތެވެ. ގަދައަޅާ މަސައްކަތް ކޮށްފިނަމަ، ކާމިޔާބަކީ ކޮންމެ މީހަކަށް ވެސް ހާސިލް ކުރެވިދާނެ އެއްޗެއްކަން މި ހުނަރުވެރިޔާ އެދަނީ ދައްކަމުންނެވެ.
މއ. ވަހާރި، މޫމިނާ މުހައްމަދު (މޫން)އަށް ކުރެހުމުގެ ތެރެއަށް ވަދެވުނީ ވަރަށް ތަފާތު ގޮތަކަށެވެ. އެއީ ކޮވިޑްގެ ދުވަސްވަރު އުފަން ދުވަހުގެ ހަދިޔާއެއް ހަދާލުމަށްޓަކައި އަމިއްލައަށް ކުރެހުމެއް ކުރަހާލަން ހިތަށް އެރި ވަގުތުން ފެށިގެންނެވެ. އެ ދުވަހުގެ މަސައްކަތަށް ފަހު ކުރެހުމަށް ޝައުގުވެރި ވެވުނެވެ.
"އެ ދުވަހު އަޅުގަނޑު ހަމަ ކުރަހާލާ ހިތްވީ. އޭގެ ފަހުން ކުރަހާ ސްޓޫޑިއޯއާ ގުޅިގެން ކުރެހުމުގެ ހުނަރު އިތުރަށް ކުރިއެރުވުމުގެ މަސައްކަތް ފެށީ،" މޫން ކިޔައިދިނެވެ.
މާލޭގެ އީޕީއެސް ސްކޫލުން ތައުލީމް ހާސިލް ކުރުމަށް ފަހު މޫން ފުރަތަމަ ވަޒީފާ އަދާކުރީ ސްޓޭޓް ބޭންކް އޮފް އިންޑިއާގަ އެވެ. އެއަށްފަހު ޒަވާޖީ ހަޔާތެއް ފަށައި ކުދިން ލިބުމުން އޮފީހުން ވަކިވެ އަމިއްލަ މަސައްކަތެއް ފެށި އެވެ. އެއީ ރިސޯޓް ސަޕްލައި ކުރުމެވެ. ރާއްޖެއަށް ބައެއް ތަކެތި އިމްޕޯޓް ކުރުމުގެ މަސައްކަތް ވެސް އޭނާ ކުރެ އެވެ. އޭގެ ތެރޭގައި ޓިޝޫ، ޗާކޯލް އަދި "ވޮސް" ބްރޭންޑްގެ ބިއްލޫރި ފެންފުޅި ހިމެނެ އެވެ.
"ރިސޯޓްތަކަށް ސަޕްލައި ކުރަނީ ފުޑް އެންޑް ބެވަރޭޖް. މާލެއިން އެ މީހުންނަށް ކޮންމެ ދުވަހަކު ބޭނުންވާ ތަކެތި ވެސް އެ ރިސޯޓްތަކަށް ފޯރުކޮށްދެން،" މޫން ބުންޏެވެ.
މޫން ފާހަގަ ކޮށްލެވެނީ ވިޔަފާރީގައި ކިތަންމެ ބުރަކޮށް އުޅެންޖެހުނު ކަމުގައި ވި ނަމަވެސް ހަރަކާތްތެރި ދިރިއުޅުމަކަށް ލޯބިކުރާ "ޑިސިޕްލިންޑް" ފަރާތެއްގެ ގޮތުގަ އެވެ.
ބައިކް ދުއްވުމާއި ދުވުމުގައި ފާހަގަކޮށްލެވޭ ރަން ވަނަތަކެއް ލިބިފައިވޭ
ބައިސްކަލް ދުއްވުމަކީ އޭނާ އަބަދު ވެސް ވަރަށް ޝައުގުވެރިވާ ކަމެކެވެ. ބައިކް އިވެންޓްތަކުގައި ބައިވެރިވެ ކުލަގަދަ ކާމިޔާބުތަކެއް އޭނާ ވަނީ މިހާތަނަށް ހޯދާފަ އެވެ. އެގޮތުން ފާއިތުވީ ރޯދަމަހު ބައިކް މޯލްޑިވްސްގެ ފަރާތުން އެންމެނަށް ހުޅުވާލައިގެން ބޭއްވި، އެންމެ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެންމެ ގިނަ ކިލޯމީޓާ ދުއްވައި އެއްވަނަ ހާސިލް ކުރި އެވެ. އެއީ ފަހު ދިހައިގެ ކުރިން 400 ކިލޯމީޓާ ފުރިހަމަ ކޮށްގެންނެވެ.
ބައިކް ދުއްވުމުގެ އިތުރުން ދުވުމުގައި ވެސް އޭނާ ދަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. މި އަހަރުގެ މޭމަހު ރާއްޖޭގައި ބޭއްވި މާސްޓާސް އެތްލެޓިކްސްގައި އޭނާ ވަނީ 500 މީޓަރާއި 1500 މީޓާ ދުވުމުން ރަން މެޑެލް ހާސިލް ކޮށްފަ އެވެ. އެއަށްފަހު، ހަމަ މި އަހަރުގެ މޭމަހު ލަންކާ މާސްޓާސް އެތްލެޓިކްސްގައި 3،000 މީޓަރާއި 1500 މީޓަރ ދުވުމުން ރަންމެޑެލާއި، 200މީޓަރާއި 100 މީޓާ ދުވުމުން ރިހިމެޑެލް ލިބިފަ އެވެ. އަދި ޖޫން މަހު މެލޭޝިޔާގައި ބޭއްވި މާސްޓާސް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި 1500 މީޓާއިން ރަންމެޑެލް، 800މީޓަރު ދުވުމުން ސުވާސާ މެޑެއްޔާއި އަދި 200 މީޓަރާއި 2000 މީޓަރު ދުވުމުން ރިހި މެޑެލް ހާސިލްކޮށްފަ އެވެ.
ކުރެހުމަށް ލިބުނު ބޮޑު ކާމިޔާބުން ބަދަލުކޮށްލި ވިސްނުން
ކުރެހުމަކީ މޫން ހޮބީއެއްގެ ގޮތުގައި ކުރާ މަސައްކަތެކެވެ. ކޮވިޑް ތެރޭގައި އެ މަސައްކަތަށް ހިތްޖެހި، އެ ހުނަރު އިތުރަށް ތަރައްގީ ކުރަން އޭނާ ބޭނުންވި އެވެ، އެކަމަށްޓަކައި ކުރަހާ ސްޓޫޑިއޯ އާއި ގުޅި، މަޝްހޫރު ކުރެހުންތެރިޔާ ރާއްޕެގެ ފަރާތުން އާޓިސްޓްރީގެ ގިނަ ހުނަހުނަރުތައް ދަސްކުރަން ފެށި އެވެ.
"އަޅުގަނޑަކީ ކުރަހާ ސްޓޫޑިއޯގެ ރެގިއުލާ ސްޓޫޑަންޓެއް. ރާއްޕެގެ އަރިހުން ވަން އޮން ވަން ކުލާސް ނަގަނީ. ރެޒިންގެ މަސައްކަތާއި ސެރަމިކްގެ މަސައްކަތް ވެސް ދަސްކުރީ އެތަނުން. އެ ދެ ކަންތައް ފިޔަވައި ދެން ހުރި ހުރިހާ ހުނަރެއް ދަސްކުރީ ރާއްޕެގެ އަރިހުން،" މޫން ބުންޏެވެ.
ކުރަހާ ސްޓޫޑިއޯގައި ދަސްކޮށްފައިވާ "ޕައިރޯގްރަފީ"ގެ ކުރެހުމެއް އޭނާ ވަނީ ދާދި ފަހުން ހުޅުމާލޭގައި ބޭއްވި އަމިއްލަ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކޮށް އެވޯޑެއް ވެސް ހާސިލް ކޮށްފަ އެވެ، މިއީ މޫން މައުރަޒެއްގައި ބައިވެރިވި ފުރަތަމަ ފަހަރު ކަމުން އެ އެވޯޑް ލިބުންވެގެން ދިޔައީ އޭނާގެ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމުގަ އެވެ.
"ޕައިރޯގްރަފީ ދަސްކުރާކަށް އަޅުގަނޑަކަށް އެހާ އުނދަގުލެއް ނޫން. އެންމެ ޕާފެކްޓެކޭ ނުދަންނަވާނަން. އެކަމަކު ރަނގަޅު މަސައްކަތެއް ކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރަން. އަޅުގަނޑަށް ރާއްޕެ އެއްޗެއް ކުރަހަން ދެއްވައިފި ނަމަ، ކުލާހުގައި އިނދެ ކުރާހާފައި އަނެއްކާ އަޅުގަނޑު ގެއަށް އައިސް އަލުން އެ ކުރެހޭތޯ ބަލަން. މައުރަޒުގައި ބައިވެރިކުރިން އުއްބައްތިއެއްގެ ދެކުރެހުމެއް. އެތަނުން އެއްކުރެހުމަކީ ރާއްޕެ އަރިހުގައި ކުލާހުގައި އިނދެ އަޅުގަނޑު ކުރެހި ކުރެހުމެއް. ދެވަނަ ކުރެހުމަކީ އަޅުގަނޑު ގެއަށް އައިސް އެކަނި ކުރެހި ކުރެހުން،" މޫން ބުންޏެވެ.
މިއަހަރުގެ ފަންނުވެރިންގެ އެކްސްޕޯގައި މޫންގެ ހުނަރުވެރި އުފެއްދުންތަކަށް އާންމުގެ ބޮޑު ތަރުހީބެއް ލިބުނެވެ. ވަކިން ހާއްސަކޮށް އޭނާގެ ބަގީޗާގައި ހައްދައި ހިއްކައިގެން އޭގައި ރެޒިން ލާފައި މައުރަޒުގައި ބެހެއްޓި އޯކިޑް ފަށާއި އޭގެ ކަންފަތުލާ އެއްޗެހި އޭނާ ފާހަގަކުރި އެވެ.
މިމަސައްކަތަކީ ހޮބީއެއްގެ ގޮތުގައި ކުރާ ކަމެއް ކަމުގައިވި ނަމަވެސް ގިނަ އޯޑާ ލިބޭނަމަ، މުސްތަގުބަލުގައި ވިޔަފާރިއަކަށް ބަދަލު ކުރުމަށް އޭނާ ދަނީ ވިސްނަމުންނެވެ. އެހެން ނަމަވެސް އެ ދާއިރާއިން އިތުރަށް ކިޔަވައި "ކްރިއޭޓިވް" މަސައްކަތްތަކެއް ކުރަމުން ގެންދިއުމަށް އޭނާ ބޭނުންވެ އެވެ. އަދި ވިޔަފާރިއަކަށް ބަދަލުކޮށްލި ނަމަވެސް، މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުމަކީ އޭނާގެ އެންމެ ބޮޑު އަޒުމެވެ.
"މަންމަގެ އުނގުން ފެށިގެން ކައްވަޅަށް ދާންދެން ވެސް އުނގެނޭށޭ ބުނާހެން، އަޅުގަނޑު މި މަސައްކަތް އިތުރަށް ދަސްކުރުން ހުއްޓާލާކަށް ބޭނުންމެއް ނޫން. ދެން މިމަސައްކަތް ދަސްކުރަން ބޭނުންވާ ބޭފުޅެއްނަމަ، އެއީ ކޮންމެ އުމުރެއްގެ ބޭފުޅެއް ނަމަވެސް އަޅުގަނޑު ދަންނަވާނީ ކުރަހާ ސްޓޫޑިއޯއަށް ރާއްޕެގެ އަރިހަށް ވަޑައިގަންނަވާށޭ. ކުރަހާ ސްޓޫޑިއޯގައި ޕެއިންޓިންގގެ ހުރިހާ މީޑިއަމަކުން ދަސްކުރެވޭނެ. އޭގެ އިތުރުން ރެޒިން، ސެރެމިކް، ވަޑާން ކުރަން ވެސް އެތާ ދަސްކޮށްދެވޭ،" މޫން ބުންޏެވެ.
ހޮބީއަކަށް އެ މަސައްކަތް ފެށިއިރު އޭނާގެ މަސައްކަތުގެ ފޮޓޯތައް "މޫންސް ކްރާފްޓްސް" އިންސްޓަގްރާމް ޕޭޖްގައި ހިއްސާކުރަން ފެށި އެވެ. މިހާރު އެ ޕޭޖް ވަނީ ރަޖިސްޓްރީ ވެސް ކޮށްފަ އެވެ.
މޫން މަސައްކަތް ކުރަނީ ގޭގަ އެވެ. މިއަހަރުގެ ފަންނުވެރިންގެ އެކްސްޕޯގައި އޭނާ ބައިވެރިވުމަށް އެންމެ ބޮޑު ހިތްވަރެއްދިނީ އޭނާގެ ހަގު ދަރިފުޅެވެ. އަދި މައުރަޒުގެ "ޕޯޓަލް"އަށް ތަކެތި އަޕްލޯޑު ކުރުމާއި، މައުރަޒުގެ ދުވަސްތަކުގައި އެންމެ ގާތުން އެ ދަރިފުޅު އެހީތެރިވެ ދީފައިވާ ކަން މޫން ވަރަށް އުފަލާއެކު ފާހަގަކުރި އެވެ.
މޫން ބުނި ގޮތުގައި އޭނާ އަކީ "ބޯން އާޓިސްޓެއް" (ދުނިޔެއަށް އުފަންވީ އާޓިސްޓެއްގެ ގޮތުގައި)އެއް ނޫނެވެ. އެހެން ނަމަވެސް ކެތްތެރިކަން އިސްކޮށް ބުރަ މަސައްކަތް ކުރުމުގެ ނަތީޖާއަކީ މިއަދު އޭނާއަށް ލިބޭ ކާމިޔާބީގެ ސިއްރެވެ. އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އާޓް އަދި ކްރާފްޓް ފަންނުގައި އިތުރަށް ކުރިއަށް ދެވޭނެ މަގު ފެނުމެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ތަކެތި މިހާރަށް ވުރެ ފަސޭހައި ރާއްޖެއިން ލިބޭނެ ދުވަހެކެވެ.