ރޭގަނޑުގެ ކެއުމަށްފަހު، ނިދުމުގެ ކުރިން ލުއިކާނާ ކެއުމަކީ އާންމު އާދައަކަށް ވެފައިވާއިރު، މިއީ ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް ސިއްހީ މާހިރުން ހާމަކޮށްފި އެވެ.

ކާނާއާ ބެހޭ ދިރާސާތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ކޮންމެ ރެއަކުވެސް ކެއުމަށްފަހު ލުއިކާނާ ބޭނުންކުރެ އެވެ. ހާއްސަކޮށް 18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން %80 މީހުން މި އާދައަށް ދެވިހިފާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސިއްހީ މާހިރު ޑރ. ކްރިސްޓީން ބޯލިއު ފާހަގަކުރައްވާ ގޮތުގައި ނިދުމުގެ ދެ ގަޑިއިރު ކުރިން ކާ މިންވަރު އިތުރުވުމަކީ ހަށިގަނޑުގެ ބަރުދަން އިތުރުވެ، މާބޮޑަށް ފަލަވުމަށް މަގުފަހިވާ މައިގަނޑު ސަބަބެކެވެ.

ޔުނިވާސިޓީ އޮފް ބާތުގެ ޕްރޮފެސަރު ޖޭމްސް ބެޓްސް ވިދާޅުވީ، ރޭގަނޑުގެ ވަގުތުތަކުގައި ބަނޑުހައިކަން އިހުސާސްކޮށްދޭ ހޯމޯން "ގްރެލިން" އިތުރުވާ ކަމަށާއި، މިއީ އިންސާނާގެ ބަޔޮލޮޖިކަލް ނިޒާމު ހުންނަ ގޮތުން ގުދުރަތީ ގޮތުން ވާ ކަމެއް ކަމަށެވެ. މީގެއިތުރުން ސިކުނޑީގެ "ރިވޯޑް ސިސްޓަމް" ހަރަކާތްތެރިވުމުގެ ސަބަބުން މި ވަގުތުތަކުގައި ފޮނި އަދި ތެޔޮގިނަ ކާނާއަށް ހިތްކިޔުން އިތުރުވެ އެވެ. އަދި ޓީވީ ބަލަން އިނދެ ކެއުން ފަދަ އާދަތަކުގެ ސަބަބުން ކެވޭ މިންވަރު އިތުރުވާ ކަމަށް ބާމިންހަމް ޔުނިވާސިޓީގެ ޕްރޮފެސަރު ސޫޒޭން ހިގްސް ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

މާހިރުން ވިދާޅުވާ ގޮތުގައި ހަކުރު ގިނަ ކާނާ ބޭނުންކުރުމަކީ ނިދި މަދުވުމާ ވެސް ގުޅިފައިވާ ކަމެކެވެ. އެހެންކަމުން ރޭގަނޑު ކާހިތްވާ ނަމަ، މުޅިން ނުކައި ހުރުމުގެ ބަދަލުގައި މޭވާ، ޔޯގަޓް އަދި ނަޓްސް ފަދަ ފައިދާހުރި ލުއިކާނާ އިހްތިޔާރު ކުރުމަށާއި، ގޭތެރޭގައި ފަސޭހައިން ލިބެން ހުންނަ ތަކެއްޗަކީ ސިއްހަތަށް ފައިދާހުރި އެއްޗިއްސަށް ހެދުމަށް މާހިރުން ވަނީ އިލްތިމާސްކުރައްވާފަ އެވެ.