އެމްޑީޕީން ޒުވާނުންގެ މުސްތަގުބަލު ކަތިލާ އުފާފާޅުކުރުމަކީ ލަދުވެތި ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ އާ ގާނޫނުގެ މަގުސަދަކީ ބަދަލުހިފުންކަމަށާއި ގައުމެއްގެ ގޮތުގައި މިއީ ވަރަށް ނާތަހުޒީބު އަމަލުތަކެއް ކަމަށެވެ.

މިމޭރުމުން ޓުވީޓު އަމާޒުކުރައްވާފައިވަނީ ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވުމުން އެމްޑީޕީން ސޯޝަލް މީޑިއާގައި އޭނާ އަށް އަމާޒުކޮށް ދައްކަމުންދާ ވާހަކަތަކަށެވެ.

އެމްޑީޕީ އިސްނަގައި ހުނަރުވެރި ޒުވާނުންގެ މުސްތަގުބަލު ކަތިލުމަށްފަހު އުފާފާޅުކުރުމަކީ ލަދުވެތި ޢަމަލެއްކަމަށާއި ވައުދުވި މިނިވަން، ވަޒީފާގެ ބިރުވެރިކަން ނެތް މުޖުތަމަޢު ކޮބައިތޯ ވެސް ޑރ. ޖަމީލު ސުވާލު ކުރައްވާފައިވެ އެވެ.

"މިއަދު ފައިރޫޝް! މާދަމާ ޝިކާރައަކަށްވާނީ ކާކު؟"ޑރ. ޖަމީލް ސުވާލުކުރެއްވި އެވެ.

އެ މަނިކުފާ ވިދާޅުވީ ދިވެހި ގައުމަށް ޚާއްސަކޮށް އައްޑޫ ރައްޔިތުންނަށް މި ސަރުކާރުންނާއި އެމްޑީޕީން އަބަދުވެސް ދެނީ ކެހި ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރިޓަޔާ ކުރެއްވުމަށްފަހު ފައިރޫޝް ވަޑައިގަންނަވަނީ އޮސްޓްރޭލިއާ އަށެވެ. އަދި މިހާރު އާއިލާ ވެސް އޮސްޓްރޭލިއާއަށް ވަޑައިގެންފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ރައީސް މުޙައްމަދު ނަޝީދު 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު އިސްތިއުފާ ދެއްވުމަށްފަހު ވަގުތީ ގޮތުން ފުލުހުންގެ އިސްވެރިއަކަށް ހުންނެވީ ވެސް ފައިރޫޝް އެވެ. އަދި ފައިރޫޝްއަކީ ފެބްރުއަރީ 7 ގެ "ބަޣާވާތުގެ" ބައިވެރިއެއް ކަމަށް ބުނެ އެމްޑީޕީގެ އިސްބޭފުޅުންނާއި އަދި ސަޕޯޓަރުން އަބަދުވެސް އިނގިލި ދިއްކުރާ ބޭފުޅެކެވެ.

އެމްޑީޕީ އިދިކޮޅުގައި އޮތްއިރު ސޯޝަލް މީޑިއާގައި އޭނާއަށް ފުރައްސާރަކޮށް އެމްޑީޕީގެ އެކްޓިވިސްޓުންނާއި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުން އެކިހަލަ ވާހަކަތައް ވެސް ދައްކާފައިވެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފައިރޫޝްގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކޭކު ފަޅުއްވާ ނަންގަވާފައިވާ ފޮޓޯތައް ފުލުހުންގެ ޓުވިޓާ އެކައުންޓުންވަނީ ޓުވީޓު ވެސް ކޮށްފަ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ އިސްފަރާތްތަކާއި ބައެއް ސަޕޯޓަރުންދަނީ މިއީ ލަދުވެތި ޢަމަލެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.