އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ބަދަލުގައި އިންޑިޔާ ސަރުކާރުން ދޭ ޝިޕް މާލެ އަތުވެއްޖެ އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ފްލީޓްގައި އޮތް އެންމެ ބޮޑު އަދި ޢަސްކަރީ ގޮތުން އެންމެ ޤާބިލް އުޅަނދު ކަމަށްވާ، ކޯސްޓްގާޑް ޝިޕް ހުރަވީ އަކީ 2006 އޭޕްރީލް 16 ވަނަ ދުވަހު އިންޑިޔާ ސަރުކާރުންރާއްޖެއަށް ހަދިޔާކޮށްފައިވާ އުޅަނދެކެވެ. އެދުވަހުން ފެށިގެން މިއުޅަނދު ކޮންމެ ދެ އަހަރަކުން ރީފިޓްކޮށް މަރާމާތުކޮށްދެމުން އަންނަނީ އިންޑިޔާގެ ހިލޭ އެހީގައެވެ.
މިގޮތުން މިހާތަނަށް ހަ ފަހަރެއްގެ މަތިން މިއުޅަނދު އިންޑިޔާގެ ނޭވަލް ޑޮކްޔާޑުގައި ރީފިޓްކޮށް މަރާމާތުވަނީ ކުރެވިފައެވެ. މީގެއިތުރުން އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށްޓަކައި އިންޑިޔާ ސަރުކާރުން 2019 ވަނަ އަހަރުވަނީ އިތުރު އުޅަނދެއް (ސީޖީ ކާމިޔާބު) ހަދިޔާކޮށްފަ އެވެ.
ކޯސްޓްގާޑް ޝިޕް ހުރަވީ މިހާރު ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުރަވީގެ ބަދަލުގައި އިތުރު އުޅަނދުފަހަރު ހޯދާ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި މިކަމަށް އެހީތެރިވުމުގެގޮތުން އިންޑިޔާ ސަރުކާރުން މިހާރުވަނީ ކޯސްޓްގާޑް ޝިޕް ހުރަވީގެ ބަދަލުގައި އެހެން އުޅަނދެއް ހަދިޔާކުރުމަށް ނިންމާފަ އެވެ.
މިގޮތުން ދޭ އުޅަނދު ވަނީ މިދިޔަ ހޮނިހިރު ދުވަހު މާލެ އައިސްފަ އެވެ. އަދި މި އުޅަނދު ރަސްމީކޮށް އެމްއެންޑީއެފާ ޙަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އަންނަ މެއި މަހުގެ ތެރޭގައި މިއުޅަނދު ރަސްމީކޮށް ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކާއި އަދި މިއުޅަނދަށް އައްޔަންކުރެވޭ ކޯސްޓްގާޑްގެ ސިފައިން، އުޅަނދުގައި ބޭނުންކުރާ މުހިއްމު މެޝިނަރީ އަދި އިކްއިޕްމެންޓްތަކާއި އޮޕަރޭޓިންގ ޕްރޮސީޖަރސްތަކަށް އަހުލުވެރިވުމަށް ކޮންމެހެން ބޭނުންވާ ތަމްރީން ޕްރޮގްރާމްދަނީ ހިންގަމުންނެވެ. ދެ ހަފުތާގެ މުއްދަތަށް ރޭވިފައިވާ މި ތަމްރީން ޕްރޮގްރާމް ނިމި ރަސްމީކޮށް އުޅަނދު ހަވާލުކުރުމުގެ ކަންކަން ނިމުމުން މިއުޅަނދު މާލެ ގެނައުމުގައި ހަރަކާތްތެރިވި އިންޑިއަން ނޭވީގެ ކުރޫ އަނބުރާ އިންޑިޔާއަށް ދިއުމަށްވަނީ ހަމަޖެހިފަ އެވެ.
މިފަހަރު އިންޑިޔާއިން ހަދިޔާކުރުމަށް ހަމަޖެހިފައިވާ އުޅަނދަކީ ހުރަވީއަށްވުރެ ބޮޑު، އޮޕަރޭޝަނަލް ޤާބިލްކަން އިތުރު، ފަހުގެ އުޅަނދެއްކަން ފާހަގަކުރަމެވެ. މިއުޅަނދު އެމްއެންޑީއެފަށް ހަދިޔާކުރުމާއެކު ކޯސްޓްގާޑު ޝިޕް ހުރަވީ ޑީކަމިޝަންކުރެވޭނެ އެވެ.