ބީޓީއެސްގެ ލަވަކިޔުންތެރިޔާ ޖިމިންއާ ވައްތަރުވާން ޕްލާސްޓިކް ސާޖަރީ ހެދި ކެނެޑާގެ އެކްޓަރެއް ކަމަށްވާ ސެއިންޓް ވޮން ކޮލޫޗީ މަރުވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ކޮލޫޗީ މަރުވީ އޭނާ މިފަހުން ކުރި ސާޖަރީއާއެކު ކުރިމަތިވި އިންފެކްޝަންތަކެއްގެ ސަބަބުންނެވެ. އޭނާ މަރުވެފައިވަނީ މިދިޔަ އާދީއްތަ ދުވަހު ދެކުނު ކޮރެއާގަ އެވެ.

ކެނެޑާއަށް ނިސްބަތްވާ ކޮލޫޗީ 2019 ވަނަ އަހަރު ދެކުނު ކޮރެއާއަށް ދިރިއުޅުން ބަދަލުކުރީ ކޭޕޮޕް ދާއިރާއަށް ވަނުުމުގެ ބޭނުމުގަ އެވެ. ކޭޕޮޕްއަކީ އޭނާ ވަރަށް ތާއީދުކުރާ ދާއިރާ އެކެވެ.

ކޭޕޮޕްގެ ލޯބީގައި ޖެހި ކޮލޫޗީ ތަފާތު 12 ސާޖަރީއެއް ކޮށްފައިވާއިރު އެ ސާޖަރީތަކަށް ގާތްގަނޑަކަށް 22000 އެމެރިކާ ޑޮލަރު ހޭދަވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެގޮތުން އޭނާ ވަނީ އޭނާގެ މޫނުގެ ސިފަތައް ބަދަލު ކުރުމަށްޓަކައި ލޮލާއި ނޭފަތުގެ އިތުރުން ދަތްދޮޅިއަށް ބަދަލު ގެނައުމަށް ސާޖަރީ ހަދާފަ އެވެ.

ކޭޕޮޕްއަކީ މިހާރުގެ ޒުވާނުންގެ މެދުގައި މަގުބޫލު މިއުޒިކަކަށްވާއިރު ކޭޕޮޕް ބޭންޑުތަކުގެ މެމްބަރުންނާ ބުރުސޫރައިގެ ގޮތުންނާއި ދިރިއުޅުމުގެ ގޮތުން ވެސް ވައްތަރުވާން ގިނަ ބަޔަކު މަސައްކަތް ކުރެ އެވެ.