އެއްވެސް މީހަކަށް ވަރިވާކަށް މީހަކު ނަސޭހަތެއް ނުދޭނެ ކަމަށް ބޮލީވުޑް މަޝްހޫރު ތަރި މަލާއިކާ އަރޯރާ ބުނެފި އެވެ.

މަލާއިކާ މިފަދައިން ބުނީ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ހުށަހަޅައިދޭ ޝޯކަމަށްވާ "ވަޓް ވިމެން ވޯންޓް" ގައި ވާހަކަ ދައްކަމުންނެވެ.

އެގޮތުން މަލާއިކާ ވަނީ ޝޯގައި އޭނާގެ ކުރީގެ ފިރިމީހާ ކަމަށްވާ އަރްބާޒް ޚާންއާ އެކު ކުރި ކައިވެނީގެ ވާހަކަ ދައްކައިފަ އެވެ. މަލާއިކާ ބުނިގޮތުގައި އަރްބާޒްއާ ކައިވެނީގެ ގުޅުން ނިންމައިލަން އުޅުމުން، އެކަން ނުކުރުމަށް ގިނަ ބަޔަކު ނަސޭހަތް ދިނެވެ. އަދި މީހަކު ވަރިވާން ނަސޭހަތެއް ނުދޭނެ ކަމަށާއި، އެއީ އާންމުކޮށް ވެސް ތިމާދެކެ ލޯބިވާ މީހުން ދޭނެ ލަފާކަމަށް މަލާއިކާ ބުނެފައިވެ އެވެ.

މަލާއިކާ ބުނިގޮތުގައި ޒަވާޖީ ހަޔާތެއްގައި އުފަލުގައި އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމައެހެންމެ އެ މީހެއްގެ ހަޔާތް އުފާވެރި ކުރުވަން މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް އަމިއްލަ ޒިންމާއެއް ކަމުގައި އޭނާ ބުންޏެވެ.

ފިލްމު އިންޑަސްޓްރީގައި ކާމިޔާބު ނެށުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، މަލާއިކާގެ ޒަވާޖީ ހަޔާތާއި ގުޅިގެން އާންމުންގެ މަލާމާތް އެންމެ ބޮޑަށް ރައްދުވާ ތަރިއެއްގެ ގޮތުގައި މަލާއިކާ ފާހަގަކޮށްލެވެ އެވެ. މަލާއިކާ އޭނާގެ ކުރީގެ ލޯބިވެރިޔާއާ އެކު ކުރި ކައިވެނި ރޫޅުމަށްފަހު ލޯބީގެ ގޮތުން ގުޅުނީ މަޝްހޫރު ތަރި އަރުޖުން ކަޕޫރުއާ އެވެ. އެ ދެމީހުން ރައްޓެހިވީ 2018 ގަ އެވެ.