ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ ތަހުގީގު ކުރިއަށް ދާގޮތް ބެއްލެވުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މަނަދުއަށް ވަޑައިގެންފި އެވެ.
ހަމީދު ނ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުޙައްމަދު ރިޔާޟް އާއި ފުލުހުންގެ ސީނިއާ ބައެއް އޮފިސަރުން ބައިވެރިވި އެވެ.
މި ދަތުރުގައި ހަމީދު ވަނީ އެރަށު ކައުންސިލާއި އެރަށުގެ ކަމުވޮށިގެންވާ ބައެއް ފަރާތްތަކާ ބައްދަލުކުރައްވާފަ އެވެ. މީގެ އިތުރުން އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ ފުލުހުންނާއި އާންމު މުވައްޒަފުންނާ ބައްދަލުުކުރެއްވި އެވެ. އަދި ނައީމާ މޫސާގެ މަރުގެ މައްސަލަައިގެ ތަހުގީގު ކުރިއަށްދާ ގޮތް ކައިރިން ބައްލަވާލައްވާފައިވެއެވެ.
ނައީމާ މޫސާގެ އާއިލާއާ ބައްދަލުކުރައްވައި، ތަހުގީގާ ގުޅޭ ބައެއް މަޢުލޫމާތު ހިއްސާކުރައްވާފައިވެ އެވެ. އަދި ނައީމާގެ ގާތިލް ހޯދާނެ ކަމުގެ ޔަގީންކަން ސީޕީ ހަމީދު ވަނީ ދެއްވަފަ އެވެ.
އެ ރަށު ތެރެ ކުނި ކެހުމުގެ މަސައްކަތް ކުރަމުން އައި އުމުރުން 62 އަހަރުގެ ނައީމާ ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އޭނާގެ ހަށިގަނޑުގެ 21 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނައީމާ މަރާލާފައި އޮއްވާ ފެނުނު ސަރަހައްދުން ފުލުހުން ހޯދި ހެކިތަކުން އޭނާގެ ޑީއެންއާ ދިމާ ނުވާ، އެހެން މީހެއްގެ ޑީއެންއޭ ވަނީ ފެނިފަ އެވެ. މިފެނުނު ޑީއެންއޭ ކްރޮސްމެޗު ހެދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
މިދިޔަ ހަފްތާގައި ފުލުހުން ވަނީ ނައިމާގެ މަރުގެ މައްސަލާގައި އެރަށުގެ ގިނަ ބައެއްގެ އިނގިލީގެ ނިޝާން އަދި ޑީއެންއޭ ސާމްޕަލް ވަނީ ނަގާފަ އެވެ.
ނައީމާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ އެކަކު ކަމެއް ނުވަތަ އެއަށް ވުރެ ގިނަ މީހުން ކަމެއް އަދި ކަށަވަރެއް ނޫނެވެ
ނައީމާ މަރާލިތާ މިހާރު މަހެއްހާ ދުވަސްވެފައި ވާއިރު، މިމަރާއި ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައިނުވެ އެވެ.