ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ އަދި ރަންބީރު ކަޕޫރުގެ މަންމަ ނީތޫ ކަޕޫރު މުމްބާއީން އަގުބޮޑު އެޕާޓްމަންޓެއް ގަނެފި އެވެ. މިއީ ގާތްގަނޑަކަށް 18 ކްރޯޑް ރުޕީސްގެ އެޕާޓްމަންޓެކެވެ.

ކުރީގެ މަޝްހޫރު ލެޖެންޑް ރިޝީ ކަޕޫރުގެ އަންހެނުން ނީތޫ އެޕާޓްމަންޓް ގަނެފައިވަނީ މުމްބާއީގެ މަޝްހޫރު ބީކޭސީގެ ސަންޓެކް ރިއަލިޓީގެ 19 ވަނަ ފަންގިފިލާއިންނެވެ. 3،387 އަކަފޫޓުގެ މި އެޕާޓްމަންޓުގައި ގިނަ ވަސީލަތްތަކެއް ހިމެނޭއިރު މިއެޕާޓްމަންޓްގައި ފަސް ކޮޓަރި ހުރެ އެވެ.

މިއެޕާޓްމަންޓް ނީތޫ ގަނެފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. މިހާރު މިއެޕާޓްމަންޓް އޭނާގެ ނަން މައްޗަށް ވަނީ ރަޖިސްޓްރީވެސް ކޮށްފަ އެވެ.

ނީތޫ އައު އެޕާޓްމަންޓެއް ގަނެފައިވައިރު އޭނާގެ ދަނބިދަރި އާލިއާވެސް ވަރަށް ފަހު މުމްބާއީ ވަނީ އެޕާޓްމަންޓެއް ގެނެފަ އެވެ.

ނީތޫ ކަޕޫރު އެންމެ ފަހުން ފެނިގެންދިޔައީ ވަރުން ދަވަން، ކިއާރާ އަދުވާނީ އަދި އަނިލް ކަޕޫރު ފެނިގެންދިޔަ ފިލްމު "ޖުގްޖުގް ޖީޔޯ" އިންނެވެ. މިދިޔަ އަހަރު ޑާންސް ރިއަލިޓީ ސޯއެއް ކަމަށްވާ "ޑާންސް ދީވާން ޖޫނިއާ" އިންވެސް ނީތޫ ވަނީ ޖަޖެއް ގޮތުގައި ފެނިގެން ގޮސްފަ އެވެ.