މި އަހަރުގެ އިންޑިއަން އިންޓަނޭޝަނަލް ފިލްމް އެވޯޑްސް (އައިފާ އެވޯޑްސް) މިވަނީ ނިމިފަ އެވެ. ކުލަގަދަ ރަސްމިއްޔާތަކާއެކު އަބޫދާބީގައި އޮތް އެ ހަފްލާގައި އެވޯޑްތައް ލިބުނު ފަރާތްތައް މިހާރު ވަނީ އާއްމުވެފަ އެވެ.

އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެވޯޑް ކަމަށްވާ ބެސްޓް އެކްޓާ އިން އަ ލީޑިން ރޯލްގެ ފިރިހެން ބައިގެ އެވޯޑް ހާސިލްކޮށްފައިވަނީ "ވިކްރަމް ވޭދާ" އިން ރިތިކް ރޯޝަން އެވެ.

ހަމަ އެ ކެޓެގަރީގެ އަންހެން ބައިން އެވޯޑް ހޯދާފައިވަނީ "ގަންގުބާއީ ކަތިއަވަޑީ"ގެ ލީޑު އެކްޓަރު އާލިއާ ބަޓް އެވެ. އާލިއާގެ ފަރާތުން އެވޯޑާ ހަވާލުވީ ފިލްމުގެ ޕްރޮޑިއުސަރެވެ.

މި އެވޯޑްސްގައި އެންމެ ގިނަ އެވޯޑުތައް ގެންގޮސްފައިވާ ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭވްގަންގެ "ދްރިޝްޔަމް 2" އާއި ކަރަން ޖޯހަރްގެ "ބްރަހްމާސްތްރަ - ޕާޓް ވަން" ހިމެނެ އެވެ.

ހާއްސަ އެވޯޑުތަކަށް ބަލާއިރު އައުޓްސްޓޭންޑިން އެޗީވްމަންޓް އިން އިންޑިއަން ސިނަމާގެ އެވޯޑް ހާސިލްކޮށްފައިވަނީ ވެޓެރަން އެކްޓަރު ކަމާލް ހަސާން އެވެ.

އައިފާ އެވޯޑްސް ނިމިގެން ދިޔައިރު އެވޯޑުގެ ރެޑު ކާޕެޓްގެ ތެރެއިން ވެސް ގިނަ ކަންތައްތަކެއް ފާހަގަ ކުރެވި މީޑިއާގައި އެ ވާހަކަ ދެކެވިފައިވެ އެވެ. އޭގެ ތެރޭގައި ސަލްމާން ޚާންއާއި ވިކީ ކައުޝަލްގެ ބައްދަލުވުން ހިމެނެ އެވެ.