ސަރުކާރުގެ އިދާރާތަކުގެ މެދުގައި ލިޔެކިޔުން ބަދަލުކުރެއްވުމަށް އެކުލަވައިލެއްވި އައު ޑިޖިޓަލް ޕްލެޓްފޯމް، "ޖެމްސް ވާކް ސްޕޭސް" ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް އިފްތިތާހުކޮށްދެއްވައިފި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ "ޖެމްސް ވާކް ސްޕޭސް"ގެ ސަބަބުން ޒަމާނާ އެއްގޮތަށް ހިދުމަތްތައް ދިނުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެކަމަށެވެ. އަދި މިއީ ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭނުގެ ދަށުން ކުރެވުނު މުހިއްމު މަސައްކަތެއްކަން ވެސް ފާހަގަކުރެއްވި އެވެ.

ފައިސަލް ވިދާޅުވީ، މީގެކުރިން ރައްޔިތުންގެ ތެރޭގައި އޮތް އެންމެ ބޮޑު އެއް ޝަކުވާއަކީ، ސަރުކާރުގެ އިދާރާތަކުން ޖަވާބު ނުލިބުމާއި ހިދުމަތްތައް ލަސްވުމުގެ ޝަކުވާކަމަށެވެ. އަދި އެކަމަށް ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާފައިވާ ކަމަށާއި، "ޖެމްސް ވާކް ސްޕޭސް" ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގައި، ބޭނުންކުރެވެން ފެށުމުން، ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

"އުއްމީދަކީ މިފަދަ ކޮންމެ ކަމަކުންވެސް ރައްޔިތުންނަށް ފަސޭހަ ލިބިގެން ދިޔުން. ކުރިއަށް ހުރި ކަންތައްތައް ރައްޔިތުންނާ ހަމައަށް އައުމުން މާ ފަސޭހަވެގެންދާނެކަމަށް އުއްމީދު ކުރަން. އެންމެ މުހިއްމު ވަނީ ރައްޔިތުން. އެހެންވީމަ ރައްޔިތުންނަށްޓަކައި ރެއާ ދުވާލު ޚިދުމަތް ކުރުމަކީ މި ސަރުކާރުން އަބަދުވެސް އެންމެ އިސްކަމެއް ދެއްވާނެކަންކަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީގައި ބޭއްވެވި ރަސްމިއްޔާތުގައި "ޖެމްސް ވާކްސްޕޭސް" އިފްތިތާހްކުރެއްވީ ޒަމާނީ ޓެކްނޮލޮޖީގެ ފަސޭހަތައް ހިމެނޭގޮތަށް އިތުރު ފީޗާތައް ހިމަނުއްވައި ތަޖުރިބާކުރެއްވުމުގެ ގޮތުންނެވެ.

"ޖެމްސް ވާކްސްޕޭސް" ފަރުމާކުރެވިފައިވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ މުޢާމަލާތުތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއަރއެއް ބޭނުންކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށެވެ.