މިސްރުން ފުރައިގެން ރާއްޖެއަށް ދަތުރު ކުރަމުން ދަނިކޮށް އެރިޓްރިއާގައި ހިފެހެއްޓި ފިއުލް ސަޕްލައި މޯލްޑިވެސް (އެފްއެސްއެމް) ގެ ދެ، ތެޔޮ ބޯޓުގައި ތިބި ފަޅުވެރިން ރާއްޖެ ގެނެސްފި އެވެ.

އެ ދެ ބޯޓުގައި ތިބީ ހަތަރު ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިއެކެވެ. އެ މީހުން ހިފަހައްޓާފައި ތިބޭތާ މިހާރު ހަފްތާއެއް ވެއްޖެ އެވެ. އެ ބޯޓު އެ ގައުމަށް ބަނދަރު ކުރީ މިދިޔަ މަހު 26 ގައެވެ.

އޭގައި ތިބި މިސްރު ދެ މީހުން ވަނީ އެމީހުންގެ ގައުމަށް ގެންގޮސްފަ އެވެ. އަދި ދެ ދިވެހިން ވަނީ މިދިޔަ ހުކުރު ދުވަހު ރާއްޖެ ގެނެސްފަ އެވެ.

ދެ، ތެޔޮ ބޯޓު ރާއްޖެ ގެނައުމަށް އެފްއެސްއެމްގެ އޮފިޝަލުންނާއި ފޮރިން މިނިސްޓްރީގެ އޮފިޝަލުން ވަނީ އެގައުމަށް ގޮސްފައެވެ.

ފަޅުވެރިން ރާއްޖެ ގެނައި ނަމަވެސް އަދިވެސް އެ ދެ ބޯޓު އޮތީ ހިފަހައްޓައިފަ އެވެ.

އެ ދެ ބޯޓް އޭޕްރީލް 26 ގައި އެރިޓްރިއާގައި ބަނދަރު ކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އަދި ބަނދަރު ކުރުމުގެ ކުރިން ހުއްދަ ހޯދަން މަސައްކަތް ކުރި ކަމަށް އެފްއެސްއެމްގެ އެމްޑީ ގަސަމް ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އާ ގުޅުން ހުރި ގައުމުތަކުގެ އެމްބަސީތައް މެދުވެރިކޮށް، އެރިތުރިއާގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ބޯޓުތައް ދޫކޮށްލާތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށް ގަސަމް ވަނީ ވިދާޅުވެފައެވެ.