ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އެއްލައިލާ ބާވަތުގެ ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖެ އެތެރެކުރުން މަނާކުރި ފަހުން އަހަރެއް ތެރޭ ރާއްޖެ އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް 50 ޕަސެންޓް މަދުކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަން އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕްލާސްޓިކްގެ އިތުރު ބާވަތްތައް ރާއްޖެ އެތެރެކޮށް ބޭނުންކުރުން މަނާކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ އެއްވެސް ވަރަކަށް ޕްލާސްޓިކް ބޭނުން ނުކުރާ ގައުމަކަށް ހެދުން ކަމަށެވެ.

ކުނި މެނޭޖުކުރަން ހުރި މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް އަސަރުތައް ކުރާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދީ، ކޮންމެ ރަށެއްގައި ވެސް އެ ރަށަކާ އެކަށީގެންވާ ވަރެއްގެ ކުނި ކޮއްޓެއް ގާއިމްކޮށް އެތަންތަނަށް ބޭނުންވާ އާލަތްތައް ފޯރުކޮށްދިނުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ކާބަފައިންގެ ޒަމާނުއްސުރެ ދެމެހެއްޓެނިވި ގޮތުގައި މާހައުލީ ނިޒާމްތައް ބޭނުންކުރަމުން އައި ގައުމެއް ކަމަށާއި ދިވެހި މަސްވެރިކަމަކީ މުޅި ދުނިއަށް މަޝްހޫރު، ތިމާވެއްޓާ ރައްޓެހި ސިނާއަތެއް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނަނީ ވެސް ގުދުރަތީ މުއްސަނދިކަމާ ރީތިކަން ވިއްކައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ރިޒޯޓުތަކުގެ ފަރުތަކަކީ ރަނގަޅަށް މެނޭޖުކުރުމުގެ ސަބަބުން މާހައުލީ ނިޒާމްގެ ސިއްހަތު ރަނގަޅު އަދި ދިރުންތަކުން މުއްސަނދި ސަރަހައްދުތައް ކަމަށް ދިރާސާތަކުން ދައްކާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ފުރަތަމަ ކުރާނީ ވެސް ރާއްޖެ ފަދަ ބިން ތިރި ކުދި ޖަޒީރާ ގައުމުތަކަށް ކަމަށެވެ. އެހެންކަމުން ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުން ތިމާވެއްޓާ ރަށްޓެހިކޮށް ތަރައްގީ ވެވިދާނެކަން ދުނިޔެއަށް ހާމަކުރުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށް ރައީސް ވިދާޅުވި އެވެ.