ހުޅުމާލެ ދޭއްގެ ވިނަރެސް ހަތެއްގެ ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެކްސިޑެންޓު ހިނގަން މެދުވެރިވީ، އުމުރުން ނުވަ އަހަރުގެ ކުއްޖާ އިން ސައިކަލް އޯވަޓޭކް ކުރުމުގެ ތެރޭގައި އެހެން މީހެއްގެ ގައިގައި ސައިކަލުން ޖެހި ވެއްޓުނު ވަގުތު ދުއްވާފައި ދިޔަ އެހެން ކާރަކުން ކުއްޖާގެ ގައިގައި ޖެހިގެން ނުވަތަ ގައިމައްޗަށް ކާރު އަރައިގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

ފުލުހުން ވަނީ އެ އެކްސިޑެންޓާ ބެހޭ ބައެއް ތަފުސީލުތައް ހިއްސާކޮށްފަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ނުވައެއް ޖަހާކަންހާއިރު ހިނގި މި އެކްސިޑެންޓުގައި ހާލު ސީރިއަސްވި މ. ލެމަންޓްރީ 1، ޒީވާ ސިނާން އަހުމަދަށް އައިޖީއެމްއެެޗުގައި ފަރުވާދެމުން އަންނަނިކޮށް އިއްޔެ ރޭ ފަތިހު ވަނީ ނިޔާވެފަ އެވެ. ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ހަތަރެއްގައި ކިޔަވަމުން އައި ޒީވާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެ ފުރަތަމަ ވަގުތުން ފެށިގެން ވެސް ފަރުވާދިނީ ވެންޓިލޭޓަރުގަ އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގި ސަރަހައްދުގެ ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓް ސީންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، ކާރަށް އަރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

"އެވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެމީހާގެ ގައިގައި ޖެހި، ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވަނީ ވެއްޓިފައި. އަދި އެވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު، އުމުރުން ނުވަ އަހަރުގެ ކުއްޖާގެ ގައިގައި ޖެހިފައިވާ ކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާ ކަމަށް ތަހުގީގަށް ބެލެވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ކުއްޖާ ގައި މައްޗަށް އަރާފައިވާ ކަން ކަށަވަރުކުރުމަށް ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން، އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ޓޯކޮށް، އެ އުޅަނދުތައް ދުއްވި ތިން މީހުންގެ ލައިސަންސް ވެސް ހިފަހައްޓާފައިވާ ކަމަށެވެ. އަދި މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ އުޅަނދު ދުއްވާފައި ވަނީ އޭނާގެ ލައިސަންސް ކުރިން ވެސް ހިފަހައްޓާފައި ވަނިކޮށް ކަމަށް ވާތީ، ފުލުހުން އޭނާ ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ބުންޏެވެ.