ކިނބިހި އެޅުމަކީ އިންސާނާގެ ހަށިގަނޑުން އާންމުކޮށް ކޮންމެ ދުވަހަކުހެން ހިނގާ ތަބީއީ ކަމެކެވެ. ނޭފަތުގެ އެތެރޭގައި ހުންނަ ނާޒުކު ދުލިފަށަށް ބީރައްޓެހި މާއްދާއެއް، ހިރަފުހެއް، ނުވަތަ ޖަރާސީމެއް ވަނުމުން އެކަމުގެ ނުތަނަވަސްކަން އިހުސާސްވެ، ނޭފަތުގައިވާ ނާރުތަކުގެ ޒަރީއާއިން ސިކުނޑިއަށް ހާއްސަ ސިގްނަލެއް ފޮނުވަ އެވެ.
މި ސިގްނަލް ލިބުމާއެކު ސިކުނޑިން ހަށިގަނޑުގެ ކަމާބެހޭ މަސްތަކަށް ކުއްލި އަމުރެއްކޮށް، ނޭފަތާއި އަނގައިން ބާރު ސްޕީޑެއްގައި ވައި ބޭރު ކޮށްލައިގެން އެ އުނދަގުލުން ސަލާމަތްވުމަށް މަސައްކަތްކުރެއެ ވެ. މިއީ އިންސާނާގެ އިހްތިޔާރަކާ ނުލާ ހިނގާ ކަމެކެވެ.
މިގޮތުން ކިނބިހި އަޅާ ވަގުތު މޫނުގެ މަސްތައް ކުއްލިއަކަށް ބާރުވެ، މުޅި މޫނަށް ބާރެއް ލެވެ އެވެ. މި ވަގުތު އަމިއްލައަށް ނޭނގި ލޯ މެރެނީ ހަށިގަނޑުގެ ނާރުތަކުގެ ނިޒާމުގެ ސަބަބުންނެވެ.
ސިކުނޑިން ކިނބިހި އެޅުމުގެ އަމުރު ފޮނުވާ ފަރާތްތަކުގެ ތެރޭގައި މޫނުގެ މަސްތައް ކޮންޓްރޯލްކުރާ ނާރުތައް ހިމެނޭއިރު، މިއީ އެއް ނެޓްވޯކެއްގެ ދަށުން ގުޅިފައިވާ ކަންކަމެވެ. އެހެންކަމުން، ކިނބިހި އަޅާއިރު މޫނުގެ އެހެން މަސްތަކާއެކު ލޯ ހުޅުވާ މަރާ މަސްތަކަށް ވެސް ކުއްލި ސިގްނަލެއް ލިބި، ލޯ މަރަން "މަޖުބޫރު"ވެ އެވެ.
މި އާދައިގެ ނިޒާމުގެ ފަހަތުގައި ސިއްހީ އަދި ދިފާއީ ވަރަށް މުހިންމު ސަބަބެއްވެ އެވެ. ކިނބިހި އަޅާ ވަގުތު ނޭފަތުންނާއި އަނގައިން ބޭރުވާ ވަޔާއެކު ކުދިކުދި ތިކިތަކާއި ޖަރާސީމުތައް ވަރަށް ބާރަށް ބޭރުވެ އެވެ.
މިފަދަ ވަގުތުތަކުގައި ލޯ ހުޅުވިފައި ހުންނަ ނަމަ، އެ ނުކުންނަ ނުރައްކާތެރި ޖަރާސީމުތަކާއި ކުދިކުދި އެތިކޮޅުތައް ސީދާ ލޮލަށް ވަނުމުގެ ފުރުސަތު ބޮޑުވާނެ އެވެ. އެހެންކަމުން، ސިކުނޑިން އަމިއްލައަށް ލޯ މަރާލަނީ ލޮލުގެ ނާޒުކު ސަރަހައްދު އެފަދަ ނުރައްކާތަކުން ރައްކާތެރި ކުރުމުގެ ގޮތުންނެވެ.
ފުލޯކު ވާހަކަތަކުގައި، ކިނބިހި އަޅާއިރު ލޯ ނުމަރާ ހިފަހައްޓައިފިނަމަ ލޯ ބޭރަށް ނުކުމެދާނެ ކަމަށް ބުނެވޭ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކަ އެކެވެ. ސައިންސްވެރިން ބުނާގޮތުގައި ލޮލުގެ މަސްތަކަކީ އެހާ ފަސޭހައިން ބޭރަށް ނުކުމެވޭ ވަރަށް ވުރެ ވަރުގަދަކޮށް ހަށިގަނޑުގައި ހަރުލައްވާފައިވާ ގުނަވަނެކެވެ.
ލޯ މެރެނީ ހަމައެކަނި ނާރުތަކުގެ ސަބަބުން ހިނގާ ތަބީއީ ރިފްލެކްސްއެއްގެ ސަބަބުން ކަމަށްވާއިރު، އެއްވެސް ސަބަބަކާ ހުރެ ލޯ ނުމަރާ ހިފެހެއްޓުނު ކަމުގައިވިޔަސް ލޮލަށް ގެއްލުމެއް ނުލިބޭނެ އެވެ.
ނަމަވެސް، އިންސާނާގެ ހަށިގަނޑު އުފެދިފައިވާގޮތުން މިފަދަ ކުދިކުދި ކަންކަމަކީވެސް ހަށިގަނޑު ދިފާއު ކުރުމަށްޓަކައި ލައްވާފައިވާ މަތިވެރި ނިޒާމުތަކެކެވެ.
ކިނބިހި އެޅުމުގެ ތެރޭގައި ހިނގާ މި ކުޑަ ކަމުން ވެސް އެނގިގެންދަނީ މާތް ﷲގެ ކުޅަދުންވަންތަ ކަމުން އިންސާނާގެ ސިކުނޑިއާއި ނާރުތަކުގެ ނިޒާމު އެކުލަވާ ލައްވާފައިވާ ފުރިހަމަ ކަމެވެ.
މިފްކޯގެ ޗެއާޕާސަންގެ މަގާމަށް އެމްޓީޑީސީން ވަކިކުރި ފާއިޒު
އެމެރިކާގެ ހަމަލާތަކަށް އީރާނުން ރައްދުގައި މިސައިލް ހަމަލާތަކެއް