މީޑިއާނެޓުގެ ފަރާތުން "ބޯޅަ ފިއެސްޓާ" މި ނަމުގައި ޚާއްސަ ކެމްޕެއިނެއް ލޯންޗްކޮށްފި އެވެ.
މި ކެމްޕެއިން ލޯންޗްކޮށްފައިވަނީ މީޑިއާނެޓުގެ ފަރާތުން މީރުމާ ލައުންޖުގައި މިއަދު ބޭއްވި ޚާއްސަ ހަފްލާއެއްގަ އެވެ. މި ހަފްލާގައިވަނީ ބޯޅަ ފިއެސްޓާގެ ދަށުން މީޑިއާނެޓު އަދި އައިސް ނެޓްވޯކް މެދުވެރިކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ ޚާއްސަ މުބާރާތްތައް ދައްކާލާފަ އެވެ.
މިޙަފްލާގައި އެންމެ ފުރަތަމަ ލޯންޗްކޮށްފައިވަނީ ދިވެހިރާއްޖޭގެ އެންމެ މަގްބޫލު ފުޓްސެލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕުގެ ކަވަރޭޖެވެ. މި މުބާރާތުގެ ކަވަރޭޖް ލޯންޗްކޮށްދިނީ ރާއްޖޭގެ އެންމެ މަގްބޫލު އެއް ފިރިހެން ފިރިހެން ކުޅުންތެރިޔާ އަޔާޒް އަހުމަދު (އަޔާ) އަދި އަންހެން ފުޓްސަލް ތަރި މަރިޔަމް މިރުފަތު އެވެ. މިއީ މީޑިއާނެޓުން މި މުބާރާތް ލައިވްކޮށް ގެނެސްދޭ ފުރަތަމަ ފަހަރެވެ.
ޖުމްލަ ޖުލައި 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކްލަބް މޯލްޑިވްސްގެ 4 މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް، ކްލަބް މޯލްޑިވްސް ކަޕު ކްލެސިކް، 30/18 ވިމެންސް ފުޓްސެލް ފިއެސްޓާ އަދި 30/18 ވިމެންސް ފުޓްސަލް ފިއެސްޓާ ކްލެސިކްގެ ހުރިހާ މެޗެއް އައިސް ނެޓްވޯކުގެ ޗެނަލްތައް މެދުވެރިކޮށް މުޅި ރާއްޖެއަށް މީޑިއާނެޓުން ފެންނާނެ އެވެ.
މި މުބާރާތުގެ ކަވަރޭޖް ލޯންޗުކުރުމަށްފަހު ވާހަކަ ދައްކަވަމުން ކްލަބް މޯލްޑިވްސްގެ ނައިބު ރައީސް އިބްރާހިމް އަޝްރަފް ވިދާޅުވީ ކްލަބް މޯލްޑިވްސްގެ 18 އަހަރުގެ ތާރީޚުގައި މިއަދަކީ ފާހަގަކޮށްލެވޭ އުފާވެރި ދުވަހެއް ކަމަށެވެ.
މީޑިއާނެޓް އަދި އައިސް ޓީވީ ފަދަ ބޮޑު ޕްލެޓްފޯމެއްގައި ކްލަބް މޯލްޑިވްސް ކަޕް މުޅި ރާއްޖެއަށް ބަލާލެވޭނެ ފުރުސަތު ފަހިވެގެން ދިއުމީ އަބަދުވެސް ދެކެމުން އައި ހުވަފެނެއްކަމުގައި އަޝްރަފް ފާހަގަކުރި އެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ވާޗުއަލް ސްޓޫޑިއޯއެއްގައި ޕްރީ ޝޯވްއަކާ އެކު ކްލަބް މުބާރާތެއް ބޭއްވުމަށް މީޑިއާނެޓުން އިސްނެގި ކަމަށްޓަކައި ކްލަބް މޯލްޑިވްސްގެ ފަރާތުން މީޑިއާނެޓަށް ޝުކުރު އަދާކުރި އެވެ.
މި ހަފުލާގައި ދެން ލޯންޗްކޮށްފައި ވަނީ 20 ޖުލައި އިން 20 އޮގަސްޓް އަށް އޮސްޓްރޭލިއާ އަދި ނިއުޒިލެންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެން ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތް ފީފާ ވިމެންސް ވޯރލްޑް ކަޕްގެ ކަވަރޭޖެވެ. ޖުމްލަ 32 ޓީމު ދުނިޔޭގެ ތައްޓަށް ވާދަކުރާ މި މުބާރާތުގެ ހުރިހާ މެޗެއް އައިސް ނެޓްވޯކު މެދުވެރިކޮށް މީޑިއާނެޓްގެ ކަސްޓަމަރުންނަށް ފެންނާނެ އެވެ. މި މުބާރާތުގެ ކަވަރޭޖް ލޯންޗްކޮށްދީފައި ވަނީ ދިވެހިރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ކަމުގައިވާ ހައްވާ ހަނީފާ އަދި ޝަހުދާ ތައުފީގު އެވެ.
މި މުބާރާތުގެ ކަވަރޭޖް ލޯންޗުކުރުމަށްފަހު ގައުމީ އަންހެން ޓީމުގެ ކެޕްޓަން އައިމިނަތް ލީޒާ ވިދާޅުވީ މި މުބާރާތް ފަސޭހަކަމާއެކު ދިވެހިންނަށް ފެންނާނެ އިންތިޒާމު ހަމަޖެހުމަކީ ރާއްޖޭގައި އަންހެން ކުދިންގެ މެދުގައި ފުޓުބޯޅައަށް އޮތް ފޯރި އަދި ޝައުގުވެރިކަން އިތުރުކުރުމަށް އެޅިގެންދާނެ ފިޔަވަޅެއް ކަމަށެވެ. މިންތީގެ ތަފާތުކުރުމެއް ނެތި އަމިއްލައަށް އިސްނަގައިގެން މީޑިއާނެޓުން ފީފާ ވިމެންސް ވޯލްޑްކަޕް ދިވެހިންނަށް ބެލޭނެ އިންތިޒާމް ހަމަޖައްސައިދިނީތީ ލީޒާ ވަނީ މީޑިއާނެޓަށް ޚާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުން ފަށައިގެން ޕްރީ ޝޯވް ވެސް މި ކަވަރޭޖްގެ ތެރެއިން ކުރިއަށްދާނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.
މި ހަފްލާގެ އެންމެ ފަހު އިވެންޓެއްގޮތުގައި ލޯންޗްކޮށްފައިވަނީ ދުނިޔޭގެ އެންމެ މަގްބޫލު ހަތަރު ލީގު ކަމުގައިވާ އިންގްލިޝް ޕްރިމިއާ ލީގު، ސްޕެނިޝް ލަލީގާ، އިޓާލިއަން ސެރިއާ އަދި ފްރާންސްގެ ލީގު 1 ގެ ކުރިއަށް އޮތް ސީޒަނުގެ ކަވަރޭޖެވެ.
24/23 ސީޒަން އަންނަ އޮގަސްޓް މަހު ފަށާއިރު މި ސީޒަންގައި ލީގުތަކުގައި ކުޅޭ ހުރިހާ މެޗެއް އައިސް ނެޓްވޯކް އަދި މީޑިއާނެޓުގެ ޗެނަލްތަކުން ފެންނާނެ ކަމަށް މި ހަފްލާގައި ވަނީ އިއުލާނުކޮށްފަ އެވެ. 24/23 ލީގުތަކުގެ ކަވަރޭޖް ލޯންޗްކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި މީޑިއާނެޓުގެ ފަރާތުން ވާހަކަދައްކަވަމުން މީޑިއާނެޓުގެ ބޯޑް އޮފް ޑައިރެކްޓާޒްގެ މެމްބަރު އަހުމަދު ނާޝިދު ވިދާޅުވީ މީޑިއާނެޓުން އަބަދުވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދާ ފޯރިގަދަ މުބާރާތްތައް ދިވެހިންނާއި ހަމައަށް ގެނެސްދިނުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި ރާއްޖޭގައި ބާއްވާ ކުޅިވަރުގެ އެކިއެކި މުބާރާތްތައް އައިސް ނެޓްވޯކް މެދުވެރިކޮށް މީޑިއާނެޓުން ގެނެސްދިނުމަށް ޚާއްސަ އިސްކަމެއްދޭނެ ކަމަށް ފާހަގަކުރި އެވެ.
މުޅި އޭޝިޔާ ބައްރުގައި ވެސް ހުރިހާ ލީގެއް އެއް ނެޓްވޯކަކުން ގެނެސްދޭ ހަމައެކަނި ނެޓްވޯކަކީ އައިސް ނެޓްވޯކްކަން ފާހަގަކުރަމުން ނާޝިދު ވަނީ ކުޅިވަރު މުބާރާތްތައް އެންމެ ފުރިހަމައަށް އެންމެ ކުލަގަދަކޮށް ގެނެސްދިނުމަށް މީޑިއާނެޓުން ގެނައި އިންގިލާބީ ބަދަލުތަކަށް އަލިއަޅުވާލާފަ އެވެ.
ހަފްލާ ނިންމުމުގެ ގޮތުން އައިސް ނެޓްވޯކުން ވަނީ މި މުބާރާތްތަކުގެ ކަވަރޭޖް ސްޕޮންސަރުންގެ ގޮތުގައި ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ފާހަގަކޮށްފަ އެވެ.