"ކިންގް އޮފް ޕޮޕް"ގެ ގޮތުގައި މަޝްހޫރު ވެފައިވާ މައިކަލް ޖެކްސަންގެ ސަޕޯޓަރުން އޭނާގެ 68 ވަނަ އުފަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފި އެވެ.

އެގޮތުން އެ މުނާސަބަތު ފާހަގަ ކުރުމަށް އެމެރިކާގެ ލަސްވޭގަސްގައި ބޭއްވި ހާއްސަ ހަރަކާތްތަކެއްގައި، އޭނާގެ ދަރިފުޅު ޕްރިންސް ޖެކްސަން ވެސް ވަނީ ބައިވެރިވެފަ އެވެ.

އޮގަސްޓް 29 ވަނަ ދުވަހު މައިކަލް ޖެކްސަންގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ލަސްވޭގަސްގެ މަޝްހޫރު "މަންޑަލޭ ބޭ" ގައި އޮންނަ ސާކިއު ޑު ސޮލެއިލްގެ "މައިކަލް ޖެކްސަން ވަން" ޝޯގައި އުމުރުން 29 އަހަރުގެ ޕްރިންސް ވަނީ ބައިވެރިވެފަ އެވެ.

މައިކަލްގެ އެންމެ މަޝްހޫރު ލަވަތަކުގެ މައްޗަށް އެކުލެވިގެންދާ މި ޝޯގެ ތެރެއިން ޕްރިންސް ފެނިގެންދިޔަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

މައިކަލް ޖެކްސަންގެ ލެގަސީއާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޕްރިންސް ބުނީ، އޭނާގެ ބައްޕަގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމު "މައިކަލް"ގެ ސަބަބުން ވަރަށް ބޮޑު އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

އެއާއެކު އާ ޖީލުތަކުގެ ޒުވާނުން ބައްޕަގެ މިއުޒިކަށާއި މެސެޖަށް ޝައުގުވެރިވާ މަންޒަރު ފެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

މައިކަލް ޖެކްސަން މަރުވިތާ އަހަރުތަކެއް ވެގެންދިޔަ ނަމަވެސް، މިއަދުވެސް އޭނާގެ ނަމާއި މަޝްހޫރުކަން އެހާމެ ބޮޑުކަން މި ހަފްލާތަކުން އެނގިގެންދެ އެވެ.