އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ އިންޒާރުތަކަށް ގޮންޖަހައި، އެމެރިކާއިން ކުރިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އުރުދުންގައި ހުންނަ އެމެރިކާގެ މެރިން ބޭހަކަށް މިސައިލް ހަމަލާތަކެއް ދީފައިވާނެ ކަމަށް އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ.
އައިއާރުޖީސީ އިން ބުނި ގޮތުގައި، މިދިޔަ އަންގާރަ ދުވަހު އީރާނުގެ ދެކުނު ސިޓީއެއް ކަމަށްވާ ސިރީކްގައި ބޭއްވި ކައިވެނި ހަފުލާއަކަށް އެމެރިކާ ސިފައިން ހަމަލާދީ، ކުޑަކުއްޖަކު ހިމެނޭހެން އެތައް ބަޔަކު ވަނީ މަރާލާފަ އެވެ.
"މި އަނިޔާވެރި އަމަލުގެ ރައްދުގައި، އައިއާރުޖީސީ އެއަރޯސްޕޭސް ފޯސްގެ ހިތްވަރުގަދަ މުޖާހިދުން ވަނީ އުރުދުންގައި ހުންނަ 'ކޭމްޕް ޓިޓިން' ގެ ނަމުން މަޝްހޫރުވެފައިވާ އެމެރިކާ މެރިން ސިފައިންގެ މަރުކަޒަށް ބެލިސްޓިކް މިސައިލްގެ ވަރުގަދަ ހަމަލާތަކެއް ދީފައި،" އައިއާރުޖީސީގެ ބަޔާނުގައިވެ އެވެ.
އީރާނުން ބުނާ ގޮތުގައި މި ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިންނަށާއި، އަސްކަރީ ވަސީލަތްތަކުގެ އިތުރުން ހަމަލާދޭ ހެލިކޮޕްޓަރަކަށް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް އުރުދުންގެ އަސްކަރިއްޔާއިން ބުނެފައި ވަނީ އީރާނުން ފޮނުވާލި 13 މިސައިލްގެ ތެރެއިން 10 މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށާއި، ބާކީ ތިން މިސައިލް ވެއްޓުނީ ހުސްބިންތަކަށް ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެ ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އުރުދުންއިން ބުނެ އެވެ.
އީރާނުގެ މި ރައްދު ހަމަލާއާއެކު، މަސްރަހު އިތުރަށް ގޯސްވެ، ޓްރަމްޕްގެ އިންޒާރުތައް ވަނީ ތަކުރާރު ކުރައްވާފަ އެވެ. ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައި ވަނީ އީރާނުން ބަދަލުހިފުމުގެ ހަމަލާއެއް ދީފިނަމަ، މިއަށްވުރެ މާ ވަރުގަދަ ހަމަލާތަކެއް އެ ގައުމަށް ދޭނެ ކަމަށެވެ.
މި ހަމަނުޖެހުންތައް އަލުން ފެށުނީ އަންގާރަ ދުވަހުގެ ކުރީކޮޅު އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާ ސިފައިން ބޮން އެޅުމާ ގުޅިގެންނެވެ.
އެމެރިކާގެ މެދުއިރުމަތީގެ ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި އެ ހަމަލާތައް އަމާޒުކުރީ އައިއާރުޖީސީ ގެ މަރުކަޒުތަކަށެވެ. އޭގެ ބަދަލުގައި އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކުރި ގޮތުގައި ބަންދަރު އައްބާސް އާއި ގޭޝްމް އައިލެންޑް ހިމެނޭހެން ދެކުނުގެ އެކި ސަރަހައްދުތަކަށް ހަމަލާދީފައިވެ އެވެ. އަދި ފާސް ނިއުސް އެޖެންސީން ބުނި ގޮތުގައި ސިރީކްގައި ހިނގަމުންދިޔަ ކައިވެނި ހަފުލާއަކަށް ދިން ހަމަލާގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.
ޓްރަމްޕް ވަނީ އީރާނުން ހަމަލާތައް ކުރިއަށްގެންދާނަމަ، އެ ގައުމު "ފުހެލާނެ" ކަމުގެ އިންޒާރު ފޮކްސް ނިއުސް މެދުވެރިކޮށް ދެއްވާފަ އެވެ. މިދިޔަ ފެބްރުއަރީ މަހު ހަނގުރާމަ ފެށުނީއްސުރެ ޓްރަމްޕް ގެންދަވަނީ މިފަދަ އިންޒާރުތައް ތަކުރާރު ކުރައްވަމުންނެވެ.
މި ނުތަނަވަސްކަމާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ސަމާލުވެ ތިބުމަށާއި، ދަތުރުފަތުރުގެ ކަންކަމަށް ބުރޫއަރައިފާނެ ކަމަށް ތައްޔާރުވުމަށް އަންގާފަ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަށް އީރާނުން ހަމަލާދީފާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
މި މަސްރަހު އިތުރަށް ގޯސްވެފައިވަނީ އީރާނުގެ ބަނދަރުތައް އެމެރިކާއިން ބަންދުކޮށް، އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމާ ގުޅިގެންނެވެ. އެމެރިކާގެ ޓްރެޒަރީން ބުނެފައިވަނީ ކޮންމެ ހަފުތާއަކު އީރާނާ ދެކޮޅަށް އާ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. އީރާނުން ވެސް ދަނީ ދުނިޔޭގެ ހަކަތައިގެ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް ބާރު ފޯރުވަމުންނެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. އަންގާރަ ދުވަހުގެ ހަމަލާތަކަށްފަހު ސާފުނުކުރާ ތެލުގެ އަގު ހަތަރު އިންސައްތައަށްވުރެ ބޮޑަށް މައްޗަށް ގޮސްފައިވާއިރު، އެމެރިކާގެ އެތެރޭގެ ބާޒާރުގައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ ހަނގުރާމައިގެ ކުރިން ހުރި އަގަށްވުރެ ބޮޑުތަނުން އުފުލިފަ އެވެ.
ތަކުރާރުކޮށް ބޮލުގައި ރިއްސާ ސަބަބުތަކާއި ސަމާލުވާންވީ ކަންކަން!
އީޝާގެ ލީގަލް ޓީމުން ވަކީލް ފަރީދު ވަކިކޮށްފި
އެމެރިކާގެ ޓީވީ ނެޓްވޯކްތައް ޓްރަމްޕްގެ ހަބަރުތައް ބޮއިކޮޓްކޮށްފި
