ވައިފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ ނެގުން ހުއްދަކޮށް، މަސްވެރިކަމުގެ އާއްމު ގަވައިދު މިއަދު އިސްލާހުކޮށްފި އެވެ.

މަސްވެރިކަމުގެ އާއްމު ގަވާއިދު ކުރިން އޮންނަ ގޮތުން، ފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ ނެގުމަކީ މަނާކަމެކެވެ. އެފަދައިން އެހެން އޮތުމުން މިހާތަނަށް ގިނަ ބަޔަކު އެ މަސްވެރިކަން ކުރަމުން އައީ ހަމައެކަނި މާސްކް އަޅައިގެން ފީނައިގެންނެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވީ ފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ ނެގުން ހުއްދަ ކުރީ، އެ މަސްވެރިކަމުގައި އުޅޭ މީހުންގެ މަސައްކަތަށް އެ ގަވައިދުގެ ސަބަބުން ވަރަށް ބޮޑަށް ހުރަސް އެޅިފައިވާތީ ކަމަށެވެ.

"އެކަން ހުއްދަކުރީ އެ މަސްވެރިކަމުގައި އުޅޭ ގިނަ ބައެއްގެ އެދުމުގެ މަތިން،" ޒިޔާދު ވިދާޅުވި އެވެ. އެކަން ހުއްދަކުރިޔަސް އެކަން ކުރެވޭ ހާއްސަ ހާލަތްތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން އެ މަސްވެރިކަން ކުރެވޭނީ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ގޮތުން ގަބޫލު ކުރާ ފީނުމުގެ ތަމްރީނު ލިބި، އެކަމުގެ ސެޓްފިކެޓް ހޯދާފައިވާ މީހުންނަށް އެކަންޏެވެ. އަދި އެ ގަވައިދާ ހިލާފުވާ މީހުން 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

ސެޓްފިކެޓް ނެތް މީހުން ލައްވާ ފީނުވާ ނަމަ، އެ މަސްވެރިކަމުގައި ދާ ކެޔޮޅު ނުވަތަ މާސްޓަރު ވެސް ކުށްވެރިވާނެ އެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުގައި އޭނާ 5،000 ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ.