އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ މެދު ޕެންޓަގަންގެ ތެރޭގައި ނުތަނަވަސްކަން ބޮޑުވެފައިވާކަމުގެ ނިޝާންތަކެއް ފެންނަމުންދަނިކޮށް، އެމެރިކާގެ އާމީ ސެކްރެޓަރީ އިސްތިއުފާ ދެއްވައިފި އެވެ.
އެމެރިކާގެ އަސްކަރިއްޔާގެ މަދަނީ އެންމެ އިސްވެރިޔާ ޑޭން ޑްރިސްކޯލް އިސްތިއުފާ ހުށަހަޅުއްވާފައިވާކަން ވައިޓް ހައުސްއިން ހޯމަ ދުވަހު ވަނީ ކަށަވަރުކޮށްދީފަ އެވެ. މި އިސްތިއުފާ މި އައީ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާކަމުގެ ރިޕޯޓުތަކެއް ފެންމަތިވެފައި ވަނިކޮށެވެ.
ވައިޓް ހައުސްގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ އޭނާ ކެލީ ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް ޓްރަމްޕްގެ "މޭކް އެމެރިކާ ސްޓްރޯންގް އެގެއިން" އެޖެންޑާ ކުރިއެރުވުމުގައި ޑްރިސްކޯލް ވަނީ އަސްކަރިއްޔާގެ ތެރޭގައި ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ. އަދި ކޮމާންޑަރު އިން ޗީފް އާއި ސެކްރެޓަރީ އޮފް ވޯ އާއެކު އޭނާ ކުރެއްވި މަސައްކަތުގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާ މިހާރު އޮތީ ކުރިއަށްވުރެ ވަރުގަދަކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑްރިސްކޯލްގެ ވަކިވުން މި އައީ، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ޓްރަމްޕްގެ ސަރުކާރުން ކުރިއަށްގެންދާ ގޮތާމެދު ޕެންޓަގަންގެ ތެރޭގައި ކަންބޮޑުވުންތަކެއް ހުރިކަމުގެ ނިޝާންތަކެއް ފެންނަމުންދާ ދަނޑިވަޅެއްގަ އެވެ.
ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަސްކަރިއްޔާގެ ތިން ގޮފީގެ އިސްވެރިންނާއި، ޔޫރަޕް، އޭޝިއާ އަދި ލެޓިން އެމެރިކާގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިންގެ އިސް ކޮމާންޑަރުން ވަނީ، ހަނގުރާމަ ދިގުދެމިގެންދާ ނަމަ އެހެން ދުޝްމަނުންނާ ކުރިމަތިލުމަށް އެމެރިކާއަށް އޮތް ގާބިލުކަން ކުޑަވެގެންދާނެ ކަމުގެ އިންޒާރު ހެގްސެތަށް ދެއްވާފަ އެވެ.
އެސޯސިއޭޓެޑް ޕްރެސްއިން މި މަހުގެ ކުރީކޮޅު ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އެންމެ ފަހުގެ މިސައިލް އިންޓަސެޕްޓަރުތަކުގެ، ހާއްސަކޮށް ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާގެ މިސައިލްތައް ވައްޓާލުމަށް ބޭނުންކުރާ ޕޭޓްރިއަޓް މިސައިލްތަކުގެ ސްޓޮކް ވަނީ ނުރައްކާތެރި މިންވަރަކަށް މަދުވެފަ އެވެ.
މީގެ އިތުރުން، އެމެރިކާގެ ދުރު ރާސްތާ މިސައިލްތަކުގެ ސްޓޮކް ހުސްވެފައިވާ ކަމަށާއި، އޭޓީއޭސީއެމްއެސް އަދި ޕްރިސިޝަން ސްޓްރައިކް މިސައިލް ފަދަ ހަތިޔާރުތައް ވެސް ވަނީ ގާތްގަނޑަކަށް ބޭނުންކޮށް ހުސްވެފައި ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެ އެވެ.
އިރާގު ހަނގުރާމައިގައި ބައިވެރިވެފައިވާ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ޑްރިސްކޯލް ވަނީ 2020 ވަނަ އަހަރު ކޮންގްރެސްއަށް ވާދަކޮށް ނާކާމިޔާބުވެފަ އެވެ. އަދި ފަހުން ޓްރަމްޕްގެ 2024 ގެ ކެމްޕޭނުގައި މުޝީރެއްގެ ގޮތުން މަސައްކަތް ކުރެއްވި އެވެ.
އޭނާއަކީ މިދިޔަ އެޕްރީލް މަހު ހެގްސެތު މަގާމުން ވަކިކުރެއްވި ޖެނެރަލް ރެންޑީ ޖޯޖްގެ ގާތް ބޭފުޅެކެވެ. ހެގްސެތާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދިފައިވީ ނަމަވެސް، އޭނާއަކީ ނައިބު ރައީސް ޖޭޑީ ވެންސްގެ ގާނޫނީ ކިޔަވާކުދިންގެ ކްލާސްމޭޓަކަށް ވުމުން، އެ ގުޅުމުގެ ފައިދާ އޭނާއަށް ލިބެމުންދިޔަކަމަށް ބެލެވެ އެވެ.
ވެންސް ބެލެވެނީ ރިޕަބްލިކަން ޕާޓީގެ "އައިސޮލޭޝަނިސްޓް" ނުވަތަ އެކަހެރިވެގެން އުޅުމަށް ތާއީދުކުރާ ފިކުރުގެ ބޭފުޅެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބޭއްވުނު މަޝްވަރާތަކުގައި އީރާނާއެކު ވާހަކަދެއްކުމުގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ. އަދި މިދިޔަ ޖުލައި މަހު އޭނާ ވަނީ، ހަނގުރާމަ ދިގުދެމިގެންދާ ގޮތް ހެދުމަށްޓަކައި އިޒްރޭލުން އެމެރިކާގެ އާންމު ރައްޔިތުންގެ ފިކުރާ ކުޅެމުންދާ ކަމަށް ތުހުމަތުކުރައްވާފަ އެވެ.
ނަމަވެސް، ހެގްސެތު ފެންނަނީ ހަނގުރާމައިގެ އެންމެ ވަރުގަދަ އެއް ދިފާއުވެރިޔާގެ ގޮތުގަ އެވެ. އޭނާ ދަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި، ހަނގުރާމައިގެ ހަބަރުތައް ގެނެސްދޭ ގޮތާ މެދު ނޫސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ވެންސް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އުއްމީދުކުރައްވާ ދެ ބޭފުޅުން ކަމަށް ބެލެވެ އެވެ.
މިދިޔަ މާޗު މަހު މިޑްލް އީސްޓް އައި އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ އެދުމުގެ މަތިން އީރާނަށް އެމެރިކާ ސިފައިން ފޮނުވުމާ މެދު ރޫބިއޯ އާއި ހެގްސެތުގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވެފަ އެވެ. ހެގްސެތު އެކަމަށް ތާއީދުކުރެއްވިއިރު، ރޫބިއޯ ހުންނެވީ ދިގުދެމިގެންދާ ހަނގުރާމައެއްގެ ތެރެއަށް އެމެރިކާ ވަނުމާ މެދު ޖެހިލުންވެފަ އެވެ.
ޑްރިސްކޯލްގެ ވަކިވުމާއެކު، އީރާނު ހަނގުރާމައަށް ހަތް މަސް ފުރެން ދާއިރު، އެމެރިކާގެ އަސްކަރިއްޔާގެ މަދަނީ އަދި ޔުނީފޯމް އެޅި އިސް ދާއިމީ ލީޑަޝިޕެއް މިވަގުތު ނެތެވެ.
ހުން އަންނަ ކޮންމެ ފަހަރަކު އެންޓި ބައޮޓިކްސް ބޭނުން ނުކުރާތި!
އެސްއޯއީތަކުގެ މުވައްޒަފުން ޕީއެންސީއަށް ސޮއި ކުރަން އަންގަނީ
