އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ބާދުޝާހްއާއި ޕަންޖާބީ ބަތަލާ/މޮޑެލް އީޝާ ރިކީ ކައިވެނި ކުރިތާ ފަސް މަސް ދުވަސް ފަހުން ވަރިވެއްޖެކަން އިއުލާނު ކޮށްފި އެވެ.

މި ދެމަފިރިން ވެސް ވަނީ މި ހަބަރު ކަށަވަރު ކޮށްދެމުން އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް އެއް ބަޔާނެއް ހިއްސާ ކޮށްފަ އެވެ.

އެ ދެމީހުން އާއްމުކުރި ޖޮއިންޓް ސްޓޭޓްމަންޓްގައި ބުނެފައިވަނީ ދެ ފަރާތުގެ ރުހުމާއެކު ވަކިވެ، ވަކި މަގަކުން ކުރިއަށް ދާން ނިންމާފައިވާ ކަމަށެވެ.

އެއާއެކު މި ނިންމުން ނިންމާފައިވަނީ ދެ ފަރާތުގެ މެދުގައި އޮތް އިހުތިރާމާއި ގަދަރު އެއްގޮތަށް ހިފަހައްޓައިގެން ކަމަށް ބުނެ، މި ދަނޑިވަޅުގައި އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ޕްރައިވެސީއަށް އިހުތިރާމު ކޮށްދިނުމަށް އެދިފައިވެ އެވެ.

މީގެ އިތުރުން، މިއީ މި މައްސަލައާ ގުޅިގެން އެމީހުން ދައްކާނެ ހަމައެކަނި ވާހަކަ ކަމުގައި ބުނެ، މި ގުޅުމާ ބެހޭގޮތުން އިތުރު ވާހަކަތަކާއި އަޑުތައް ނުފެތުރުމަށް އެދިފައިވެ އެވެ.

މި ދެ ތަރިންގެ ގުޅުމާ މެދު އާއްމުންގެ މެދުގައި ޝައްކު އުފެދި، ދެމަފިރިންގެ ދެމެދުގައި މައްސަލަތަކެއް އުޅޭކަމުގެ އަޑުތައް ފެތުރެން ފެށީ ފަހަކަށް އައިސް ސޯޝަލް މީޑިއާގައި އީޝާ ހިއްސާކުރި ބައެއް ޕޯސްޓުތަކާއި ލިޔުންތަކުގެ ސަބަބުންނެވެ.

މިއީ ބާދުޝާހްގެ ދެވަނަ ކައިވެންޏެވެ. މީގެ ކުރިން ޖަސްމީން މަސީހްއާއެކު ކުރި ކައިވެނި 2020 ވަނަ އަހަރު ރޫޅުނުއިރު އެ ކައިވެންޏަށް ދަރިއަކު ވެސް ލިބިފައިވެ އެވެ.