ސިފައިންގެ މުސާރަ ބޮޑުކޮށް އިތުރު ފްލެޓުތަކެއް އެޅުމަށް ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ކަޅުތުއްކަލާ ކޮށީގައި ބޭއްވި ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މުސާރައަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޕޭ ކޮމިޝަނުން މިހާރު ކުރަމުން އަންނަ ކަމަށެވެ.
މުސާރައަށް ހެޔޮ ބަދަލެއް ގެނައުމުގެ އިތުރުން ސިފައިންނަށް އިތުރު ފްލެޓުތަކެއް އަޅަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކިފާނު ވިދާޅުވީ ހިދުމަތުގައި ތިއްބަވާ ސިފައިނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭ ފޭސް 2 ގައި 138 ޔުނިޓްގެ އިމާރާތެއް އެޅުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ.
ކަޅުތުއްކަލާ ކޮށީގައި ވެސް ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް މި އަހަރު ބިޑްކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ސިފައިންގެ ފްލެޓްތައް އަޅާނެކަން ރައީސް އިއުލާން ކުރެއްވިއިރު، 2014 ވަނަ އަހަރު ބިންގާ އެޅި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް އަދިގެސް ނުނިމެ އެވެ. ހުޅުމާލޭ ފޭސް އެކެއްގައި އަޅަން ފެށި އެ ފްލެޓްތަކުގެ މަސައްކަތް ނިންމާނެ އެކި ތާރިހުތައް ވަނީ ކުރިން ދީފަ އެވެ.