ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފެށި ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމުގެ މަސައްކަތް މި ސަރުކާރުން އަލުން ފަށައިފި އެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނުނުގެ ދަށުން ކުށްވެރިންގެ ފައިގައި މިއަދު އަލުން އެންކަލް ބްރެސްލެޓް (ޓެގު) އަޅުވަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވި އެވެ.
ބޮޑެތި ކުށްތައް ކޮށްފައިވާ ބައެއް މީހުންގެ ފައިގައި މީގެ ކުރިން ވެސް ޓެގު އަޅުވާފައިވެ އެވެ.
އިމްރާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަދުލުގެ ނިޒާމުގައި މޮނިޓަރިން އެންޑް ކޮންޓްރޯލް (މޮނިކޮން) ބޭނުންކުރެވޭނެ އިތުރު އިޖުރާއާތްތައް ތައާރަފުކުރުން ކަމަށެވެ.
ޓެގު އަޅުވަން ފެށީ ޖަލުގައި މީހުން ބަންދުކުރާ މިންވަރު މަދުކުރަން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމަށް ކުރިން ދިމާވި އިދާރީ އަދި ތަންފީޒީ ދަތިތައް މިފަހަރު ދިމާ ނުވާނެ ކަމަށެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާގޮތުން ކުށްވެރިންގެ ފައިގައި ޓެގް އެޅުވޭނީ ހައިކޯޓުން ނެރޭ އަމުރެއްގެ ދަށުންނެވެ. އެފަދަ އަމުރަކަށް ހައިކޯޓުގައި އެދެވޭނީ ހޯމް މިނިސްޓަރުގެ ރުހުން ލިބިގެން ކަމަށް ގާނޫނުގައިވެ އެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ ޓެގް އެޅުވީ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ އާއި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އަހްމަދު އިސްމާއިލް (ބުރު އަހަނދު)ގެ ފައިގަ އެވެ.