އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކް (މޫކޭ) އާއި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހުސައިންގެ ކައުންޓަށް ފައިސާ ޖަމާވެފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހް ވިދާޅުވީ މިހާތަނަށް ފުލުހުން ބެލިބެލުމުން ފައިސާ ޖަމާކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖަރެއްގެ އެކައުންޓަށް ކަމަށެވެ. އެއަށް ފަހު، އެ އެކައުންޓުން އެހެން އެކައުންޓުތަކަށް ފައިސާ ފޮނުވާފައިވާކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދެންނެވި ގޮތުގެ މަތިން ފައިސާ ޖަމާވެފައި ހުރުމުން މިހާރު ތަހުގީގުކުރަމުން ދަނީ އެއީ ކޮން ބޭނުމަކު ކޮށްފައި ހުރި މުއާމަލާތްތަކެއްތޯ ކަށަވަރުކުރުމަށް،" ޔޫނުސް ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އާރްޑީސީގެ އެކައުންޓުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ މޫކޭ އާއި ޔާސިރުގެ އަމިއްލަ ބޭނުމަށް ނަގާފައިވާ ކަމަށް ދިޔަރެސް ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ. އެކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުން އޭރު ބުނީ އާރްޑީސީއާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން އާރްޑީސީން ނެރުނު ބަޔާނެއްގައި ވަނީ ދިޔަރެސް ނޫހުގައި ރިޕޯޓްކޮށްފައިވާ ވާހަކަތަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.