ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި ޕީޕީއެމް އިން މާލޭގައި މިއަދު ކުރިއަށްގެންދިޔަ އެއްވުމުން ގިނަ ބަޔަކު ހައްޔަރުކޮށްފި އެވެ.

ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ މިއަދުގެ އެއްވުމުން 16 ވަރަކަށް މީހުން ހައްޔަރުކުރި ކަމަށެވެ. މިއަދު ހަވީރު ޕީޕީއެމް އިން ފުރަތަމަ ކުރިއަށްގެންދިޔައީ ސައިކަލް ބުރެކެވެ. ވަކި ހިސާބަކުން ސައިކަލް ބުރު ހުއްޓާލައި އެއްވުމަކަށް ވަނީ ބަދަލުކޮށްފަ އެވެ.

އެ އެއްވުން މިހާރު ވަނީ ނިންމާލައިފަ އެވެ. ހައިކޯޓަށް ހުށަހެޅިފައިވާ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ކުރިއަށްނުދާތީ އެ ޕާޓީން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އެ މައްސަލަ ނުނިމެނީސް އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު ވަނީ ޗުއްޓީއަށް ވަޑައިގެންފަ އެވެ.

އެ ކަމާ ގުޅޭގޮތުން ސުވާލުކުރުމުން ހައިކޯޓުން ބުނީ ފަނޑިޔާރުންގެ ޒާތީ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްސަލަ ޝެޑިއުލްކޮށްފައިނުވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

ތަކުރާރުކޮށް ޕީޕީއެމް، ޕީއެންސީގެ އިސް ބޭފުޅުން ގެންދަވަނީ ހައިކޯޓަށް ވަޑައިގެން އެ ކޯޓުގެ އިސް ބޭފުޅުންނާ ބައްދަލުކުރަން މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވެ އެވެ.