ދަ ޑޮމިކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ސުންގަނޑި ހަމަވިއިރު، އެކަމަށް އެދި ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެކަނި ކަމަށް އެ ޕާޓީން ބުނެފި އެވެ.
ދަ ޑިމޮކްރެޓްސްގެ އޮފިޝަލަކު ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވަނީ އިލްޔާސް ލަބީބު ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ޓިކެޓުގައި ނެރެން ކަމަށް މީގެކުރިން އަޑުތައް ފެތުރުނެވެ. ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށެވެ.
ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމަކަށްފަހު ނިންމާފައި ވަނީ އެ ތިން ޕާޓީ ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެން ނިންމައިފަ އެވެ. ނަމަވެސް އެ ކެންޑިޑޭޓަކު އަދި ދެއްކިފައެއްނުވެ އެވެ.
އިލްޔާސް އެކަނި ޕްރައިމަރީގައި ވާދަކުރަން ހުށަހެޅުއްވިޔަސް އޭނާއަށް ޓިކެޓް ދޭން ނިންމާފައިވާކަން އެ ޕާޓީން އަދި ހާމައެއްނުކުރެ އެވެ.