އަދާލަތު ޕާޓީގެ ރައީސް ކަމަށް މިހާރު ވެސް އެ މަގާމުގައި ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާދަކުރައްވަން ނިންމަވައިފި އެވެ.

އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ވާދަ ކުރެއްވުމަށް ނިންމެވީ ގައުމުގެ ހާލަތު ހުރި ގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި އޭނާގެ ދައުރު މުހިންމު ކަމަށް ޕާޓީގެ ގިނަ މެމްބަރުން ފާހަގަ ކުރާތީ ކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމަށް މިހާތަނަށް އައިއިރު، އިމްރާން ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެ.

އަދާލަތު ޕާޓީގެ އިސްމަގާމުތަކަށް ކުރިމަތިލުމުގެ ސުންގަނޑު ހަމަވާނީ، މިއަދު މެންދުރު 2:00 އަށެވެ. އިންތިހާބު އޮތީ މިމަހު 30 ވަނަ ދުވަހު އެވެ.

މިފަހަރު ޕާޓީގެ ރައީސްއާއި ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅުން އިންތިހާބުކުރާނެ އެވެ.

ޕާޓީގެ ރައީސްގެ މަގާމަށް އިމްރާން ފިޔަވައި، އިތުރު މީހަކު ކުރިމަތިލީކަން އަދި ހާމައެއް ނުކުރެ އެވެ.

އަދާލަތު ޕާޓީ ރަސްމީގޮތުން ރަޖިސްޓްރީ ކޮށްފައި ވަނީ އޯގަސްޓް 18، 2005 ގައި އެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 6،640 އެވެ.