ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ހާސިލްކޮށްފައިވާ އެތުލީޓުން އައިއޯއައިޖީ 2023 ގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށާއި މަރުހަބާ ކިޔުމަށް މިއަދު ހާއްސަ ހަރަކާތެއް ބީއެމްއެލް އިން ބާއްވައިފި އެވެ.
ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ އައިއޯއައިޖީ ގައި ހޯދި ފަހުރުވެރި ކާމިޔާބަށް ހުރިހާ އެތުލީޓުންނަށް ވެސް މަރުހަބާ ވިދާޅުވާ ކަމަށެވެ.
"މިއީ ތިޔަ އެތްލީޓުންނަށާއި ރާއްޖެއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް. ސްޕޯޓްސް ސްކޮލާޝިޕް އެހީގައި ހޯދި ކާމިޔާބުގެ ބައިވެރިވުމަކީ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް." އޭނާ ވިދާޅުވި އެވެ.
އެ ބޭންކުން ބުނިގޮތުގައި ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ހުޅުވާލެވުނީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުންނެވެ. މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދިން ކަމަށް ބީއެމްއެލް އިން ބުނެ އެވެ. ސްޕޯޓްސް ސްކޮލާޝިޕް އަށް ހޮވުނު އެތުލީޓުންގެ ތެރެއިން 6 އެތުލީޓަކު ވަނީ އައިއޯއައިޖީގައި ދިވެހިރާއްޖެ ތަމްސީލްކޮށްފަ އެވެ.
ސްކޮލަޝިޕް އެތުލީޓުންގެ ތެރެއިން ރާއްޖެއަށް މެޑަލް ހޯދައިދިން އެތުލީޓުން:
- މޫސާ މުންސިފް އަހްމަދު ( ޓޭބަލް ޓެނިސް) - މިކްސް ޑަބަލްސް (ރަން މެޑަލް) ، މެންސް ޑަބަލްސް (ރިހި މެޑަލް)، އަދި މެންސް ޓީމް އިވެންޓް (ރިހި މެޑަލް)
- ފާތިމަތު ޖުމާނާ ނިމާލް ( ޓޭބަލް ޓެނިސް) - ވިމެންސް ޓީމް އިވެންޓް (ރަން މެޑަލް)
- މަރިޔަމް ރުއުޔާ އަލީ (އެތުލެޓިކްސް) - ވިމެންސް 100×4 ރިލޭ (ލޯ މެޑަލް)
- ޝުބާ މުހައްމަދު ޝަރީފް (ބެޑްމިންޓަން) - ވިމެންސް ޓީމް އިވެންޓް (ރިހި މެޑަލް)