އިންޑިއާ އިން ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިއަށް ނުގެންދާ ކަމަށެވެ.

އޮންލައިން ނޫހެއްގައި މިއަދު ރިޕޯޓްކޮށްފައި ވަނީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު މިނިސްޓަރު އަމީރާ މިއަދު ބައްދަލުކުރެއްވި ކަމަށެވެ.

އެގޮތުން މި ބައްދަލުވުމުގައި އެބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން އިންޑިއާއިން ދަރަންޏަށް ތިން ބިލިއަން ރުފިޔާ ނެގުމާ ގުޅޭ ގޮތުން ކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ.

އެ ފައިސާ ނެގުމަށް ސަރުކާރުން ހުށަހަޅާފައިވަނީ ޓްރެޝަރީ ބޮންޑު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް ވިއްކައިގެން ކަމަށާއި 194 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު އެސްބީއައި މެދުވެރިކޮށް ހަމަޖައްސައިދިނުމަށް ސަރުކާރުން އެދިފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ޚަރަދުކުރުމަށް އެ ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ.

ސަރުކާރަށް ތަފާތު އެކި ތުހުމަތުކޮށް ސޯޝަލް މީޑިއާ އާއި އެހެން ފަރާތްތަކުން އަންނަނީ މި ދުވަސްވަރު އެކި ވާހަކަތައް ދައްކަމުންނެވެ. ސަރުކާރުން ބުނަމުން އަންނަނީ އެއީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.