އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެމްޑީޕީއާ އެކު ހެދި އެއްބަސްވުން ރޫޅާލަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، އެ ޕާޓީގެ މެމްބަރުންނަށް ހިތްވަރު ދެއްވައިފި އެވެ.

އެމްޑީއޭ އިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އެމްޑީޕީއާ އެކުގައި އެމްޑީއޭ އިން ހެދި ކޯލިޝަން ރޫޅާލައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމައިފައެވެ. އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުން އަޣުލަބިއްޔަތުންނެވެ. އެކަމާ ދެކޮޅު ހެއްދެވީ އެންމެ ދެ މެމްބަރުންނެވެ.

އެމްޑީއޭގެ ކައުންސިލަށް އެކަން ހުށަހެޅުއްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސް އެވެ. އެކަމަށް ތާއީދު ކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފެވެ.

ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް، ކުރި ހޯދާ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީއޭގެ ނިންމުމަށް އިހްތިރާމް ކުރައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"އެމްޑީއޭ ނިންމުމަށް އިހްތިރާމް ކުރާ ހާލު، އެއްކޮށް މި ކެމްޕެއިންގައި ކޮށްދެއްވި ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީ. ބަލިކޮށް ނުލެވުނު ހިތްވަރު. ގުޑުވާނުލެވުނު އަޒުމް. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް،" ފައްޔާޒް ވިދާޅުވި އެވެ.

އެންމެ ގިނަ ވޯޓާ އެކު، ދެ ވަނަ ބުރުގެ އިންތިހާބުގައި ވާދަކުރައްވަނީ މުއިއްޒާއި ރައީސް ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.