އިއްޔެ ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ހިތްވަރާއި ރިވެތި މިސާލަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް ސޯލިހު ކުރެއްވި ފުރިހަމަ ކެމްޕޭނެއް ކަމަށެވެ. އަދި ދެއްކެވި ހިތްވަރާއި، ރިވެތި މިސާލަށް ރައީސް ސޯލިހާއި މުޅި އެމްޑީޕީ އަށް ވެސް މަރުހަބާ ދަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއާ ގުޅިގެން އެއްވެސް މީހަކު އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ބަދުބަސްބުނެ ފުރައްސާރަ ނުކުރުމަށް ވެސް އެމަނިކުފާނު ރޭ ވަނީ އެދިވަޑައިގެންފަ އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އަދި ރައީސް ރޭ ވަނީ ބަލި ގަބޫލުކުރައްވައި، މުއިއްޒަށް މަރުހަބާ ދަންނަވައިފަ އެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހަކީ މީގެ ކުރިން ވަރަށް ގާތް ދެބޭފުޅުންނެވެ. އެހެން ނަމަވެސް ސިޔާސީ ގޮތުން ހިޔާލު ތަފާތުވެ ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި ރައީސް ނަޝީދު ވަނީ އެމްޑީޕީން ވަކިވެ އެހެން ޕާޓީއެއް ވެސް އުފައްދަވައިފަ އެވެ.

ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދި ދަ ޑިމޮކްރެޓްސް އިން މި އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވަނީ ވާދަކޮށްފަ އެވެ. އެ ޕާޓީ އަށް ލިބުނީ ތިންވަނަ އެވެ. އެ ޕާޓީން ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަަކަށް ތާއީދުކޮށްފައެއް ނުވެ އެވެ. ގިނަ ބަޔަކު ގަބޫލްކުރާ ގޮތުގައި ރައީސް ސޯލިހަށް އިންތިޚާބު ގެއްލުވާލުމުގައި ނަޝީދު ވަނީ އިސް ދައުރެއް އަދާކޮށްފަ އެވެ.