އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ޗައިނާ ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާން ލިޖިން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެފަ އެވެ.

ޗައިނާ އިން ޑރ. މުއިއްޒަށް މަރުހަބާ ކިޔާފައިވާއިރު އިންތިހާބު ކާމިޔާބުކުރެއްވުމުން އަވައްޓެރި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ޑރ. މުއިއްޒަށް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި މުއިއްޒު ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ މޯދީ "އެކްސް"ގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ދެމި އޮންނާނެ ކަމަށެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

އެގޮތުން އިންތިހާބުގެ %54.04 ވޯޓު ޑރ. މުޢިއްޒަށް ވަނީ ލިބިވަޑައިގެންފަ އެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ %45.96 ވޯޓެވެ.

ރައީސް ސޯލިހު ރޭ ވަނީ ބަލި ގަބޫލުކުރައްވައި، މުއިއްޒަށް މަރުހަބާ ދަންނަވައިފަ އެވެ.