ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތު ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ނަމަ އަންނަ ނޮވެމްބަރު މަހު 11 ގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ނޮވެމްބަރު 11 އަކީ ތާރީހުގައި ރާއްޖޭގެ ވެރިކަން ބަދަލުވަމުން އައިސްފައިވާ ދުވަސް ކަމަށެވެ. އަނެއްކާވެސް އިޔާދަކުރައްވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 107 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާ ކުރައްވައި، ވެރިކަމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 17، 2018 ގަ އެވެ. އެހެންކަމުން އެމަނިކުފާނުގެ ދައުރު ހަމަވާނީ ނޮވެމްބަރު 17، ގަ އެވެ.

ނޮވެމްބަރު 11، ގައި ޑރ. މުއިއްޒަށް މަގާމުގެ ހުވާ ކުރެއްވޭ ގޮތް ހަދަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ދެން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް އެ ދުވަހު ހުވާ ކުރެއްވޭނެ ގޮތް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރައީސް އޮފީހުގައި ބައްދަލުކުރެއްވުމުގެ ތެރެއިން--- ފޮޓޯ:ރައީސް އޮފީސް

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ނޮވެމްބަރު 11 ގައި ރައީސް ސޯލިހަށް މަގާމުގެ ހުވާ ކުރެއްވޭތޯ ރައީސް ޔާމީންގެ ސަރުކާރުން ވެސް މަސައްކަތް ކުރި އެވެ. އެގޮތަށް ހަމަޖެއްސެވި ނަމަވެސް ރައީސް ސޯލިހު ނިންމެވީ ނޮވެމްބަރު 17 ގައި ހުވާކުރާށެވެ. އެއީ ގާނޫނާ ހިލާފަށް މަގާމުގެ ހުވާ ކުރެއްވިކަމުގެ ތުހުމަތު ކުރުމުގެ ޖާގަ ނުދިނުމުގެ ގޮތުނެވެ.