އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވައިފި އެވެ.

ނަޝީދުގެ ދައުވަތަކަށް މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގަ އެވެ.

މަޖިލީހުގައި އޮތް މިބައްދަލުވުމުގައި ޑރ. މުއިއްޒު މަޖިލީހަށް ވަޑައިގެންނެވުމުން ނަޝީދުގެ އިތުރުން މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި ނަޝީދު ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި މުއިއްޒު ވެސް ވަނީ މި ބައްދަލުވުމަށް ދައުވަތު ދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވައިފަ އެވެ.

ސޯޝަލް ސެންޓަރުގައި ރައްޔިތުންނާ ބައްދަލު ކުރުމަށް ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ މެއި 6، 2021 ގައި ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނަށް އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ކެމްޕޭން ދަތުރުތަކުގައި ވެސް ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއި އެކީ އިންސާފު ހޯއްދަވައި ދެއްވާނެ ކަން ފާހަގަ ކުރެއްވި ކަމަށެވެ.

މުއިއްޒު މިއަދު މަޖިލީހުގެ ރައީސް ނަޝީދާ ބައްދަލު ކުރެއްވި އިރު، ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ކޮމެޓީތައް އެކުލަވާލައި، އެ މަސައްކަތް ވަނީ ފަށައިފަ އެވެ. މުއިއްޒު އެކުލަވާލެއްވި އިންތިގާލީ ކޮމެޓީގެ ވެރިޔަކަށް ހަމަޖެއްސީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ވެރިކަން ބަދަލުކުރުމުގެ މަރުހަލާއަށް ސަރުކާރުގެ ފަރާތުން އެކުލަވާލި ކޮމެޓީގެ ވެރިޔަކަށް ހަމަޖެއްސީ ރައީސް އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރެވެ. އަދި ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަން ރައީސް އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.