ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނެއްކާވެސް ހުށަހެޅުމުގެ މަސައްކަތް އެމްޑީޕީން ފަށައިފި އެވެ.

އެނގިފައިވާގޮތުގައި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާވަރަށް މިހާރު ވަނީ ސޮއި ހަމަކޮށްފަ އެވެ. އެ މައްސަލަ ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށްޓަކައި މާދަމާ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މާދަމާ ބާއްވަން ވަނީ ނިންމާފަ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެމްޑީޕީގައި އެއަށްވުރެ ގިނަ މަޖިލިސް މެމްބަރުން އެބަތިއްބެވެ.

މީގެކުރިން ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ނަމަވެސް ގާނޫނީ ހުއްޖަތުތަކެއް ދައްކަވައި ނަޝީދު ވަނީ އެ ދެ މައްސަލަ ކުރިއަށްގެންދަން ދެކޮޅު ހައްދަވާފަ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެމްޑީޕީން ވަނީ އެ ދެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

ނަޝީދާއި އީވާގެ މައްސަލަ އެއް ފަހަރާ ހުށަހެޅުމުން ގާނޫނީ ހުއްޖަތުތައް ދައްކާތީ އެމްޑީޕީން މިފަހަރު ހުށަހަޅަން ގަސްތުކުރަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެކަންޏެވެ.