އަރަބިއްޔާ ސުކޫލުގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް 170 ބެލެނިވެރިން ސޮއިކޮށް އެޑިއުކޭޝަން މިނިސްޓްރީ އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
އަރަބިއްޔާ ސުކޫލުގެ މެނޭޖްމަންޓުގެ މައްސަލަތައް ފާހަގަކޮށް ހުށަހަޅާފައިވާ ޕެޓިޝަނުގައި ފާހަގަކޮށްފައި ވަނީ ބައެއް މާއްދާތައް ކިޔަވައިދޭނެ ޓީޗަރުންނާއި ފޮތްތައް ހަމަނުވުމެވެ. އަދި ސުކޫލުގެ ބައެއް މަގާމުތައް ހުސްކޮށް ހުންނަތާ ގިނަ ދުވަސްވުމާއި ކިޔެވުމަށް ވުރެ ކުޅިވަރަށް އިސްކަން ދިނުން އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.
ސުކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ އަރިހުން، ބޯޑު މެމްބަރުންނާއި ސްކޫލު ބޯޑުގެ ޗެއާޕާސަން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ބޭފުޅާ ވެސް ސުކޫލް ބޯޑުގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް އެދޭތާ ތިން މަސް ވެފައިވާއިރު ވެސް ސުކޫލް ބޯޑު ބައްދަލުވުމެއް ބާއްވާފައިނުވާކަން ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.
ޕެޓިޝަންގައި ބުނެފައި ވަނީ ސުކޫލުގެ ކަންކަން ހިންގަމުން ދަނީ މެނޭޖްމަންޓުގައި ހުންނަ ބޭފުޅަކަށް ފެންނަ ގޮތަކަށް އެއްވެސް އިންތިޒާމެއް ނެތި ކަމަށެވެ.
އަރަބިއްޔާ ސުކޫލަކީ ރާއްޖޭގައި އިސްލާމީ ތައުލީމަށް ހައްސަ ހަމައެކަނި ސުކޫލެވެ. އަރަބިއްޔާއަށް އެޑިއުކޭޝަން މިނިސްޓްރީންނާއި ސަރުކަރުން އެއްވެސް ވަރަކަށް އަޅާނުލާކަމުގެ ޝަކުވާ އަބަދުވެސް ބެލެނިވެރިން ކުރެ އެވެ.
އަރަބިއްޔާ ސުކޫލުގެ މެނޭޖްމަންޓުގެ މައްސަލަތަކެއް ފާހަގަކޮށް ބެލެނިވެރިން ޕެޓިޝަނެއް ހުށަހަޅާފައިވާ އިރު އަރަބިއްޔާ ސްކޫލްގެ ބައެއް ދަރިވަރުން މޫނު ބުރުގާ އެޅުން މަނާކުރުމަށް އެޑީއުކޭޝަން މިނިސްޓްރީން ވެސް ވަނީ އަންގައިފަ އެވެ. އަދި މިނިސްޓްރީން އެންގި އެންގުން އެ ސުކޫލްގެ ބެލެނިވެރިން މިހާރު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.