އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ތިލަފުށީގައި ނައްތާލަމުން ދިޔަ މަންޒަރު ވީޑިއޯކޮށް، އާންމުކުރި އެ ކުންފުނީގެ މުވައްޒަފު ވަޒީފާ އިން މިއަދު ސަސްޕެންޑް ކޮށްފި އެވެ.

ގިނަ އަދަދެއްގެ ލިޔުންތަކެއް ކޮންކްރީޓު މެޝިނަކަށް އަޅައި ނައްތާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ވަނީ އާންމުވެފަ އެވެ.

އެފްއެސްއެމްގެ މީޓަރު ޓެކްނީޝަން އަހުމަދު އަނީސް ބުނީ އެ މަންޒަރުތައް އޭނާ ވީޑިއޯ ކުރީ އެއީ އެ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކެއް ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

އެ ލިޔެކިޔުންތައް ނައްތާލީ އޮންނަ އުސޫލާ ހިލާފަށް ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުވުމާ އެކު، އޮފީހުގެ އެޗްއާރު ޑިޕާޓްމެންޓުން އަނީސް އަށް ގުޅައި ހާޒިރުކޮށް، ގޭގައި މަޑުކުރަން އެންގި ކަމަށް އޭނާ ބުންޏެވެ.

އަނީސްއަށް ފޮނުވި ލިޔުމުގައިވާގޮތުން އޭނާ ސަސްޕެންޑުކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އެފްއެސްއެމްގެ ބަހެއް ނުލިބެ އެވެ.